ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓެލިކިލާސްތައް ހުއްޓާލައިފި

ސްކޫލްތައް ބަންދު ކުރުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ "ޓެލިކިލާސް" ތައް ހުއްޓާލައިފި އެވެ.

އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރު ބަންދު ކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޓެލެކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސްކޫލްތަަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މި މުއްދަތުގައި މެދުކަނޑާލައިފި ކަމަށެވެ.

ސަރުކާރު ބަންދު ކުރަނީ މާދަމާ އިން ފެށިގެން 26 ގެ ނިޔަލަށެވެ.

މި މުއްދަތުގައި ދަރިވަރުން ގޭގައި ތިބޭ އިރު ބެލެނިވެރިން ސަމާލުކަން ދޭންވީ ބައެއް ކަންކަން އެޑިއުކޭޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.

  • ދީނީ ކަންކަމަށް އަހުލުވެރިކުރުވުމާއި އާއިލީ ގުޅުން ބަދަހި ކުރުން
  • ދަރިވަރުންގެ ސްކްރީން ޓައިމް މަދުކޮށް، އިތުރު ހަރަކާތްތައް ގޭތެރޭގައި ކުރިއަށްގެންދިޔުން
  • ގޭގެ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިކުރުވުން
  • ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުން
  • ނަފްސާނީ އަަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން
  • ކޮވިޑް-19 އާ ގުޅޭ މައުލޫމާތު އުމުރާ ގުޅުވައިގެން ދަރިވަރުންނަށް ކިޔައިދިނުން
  • އަަމިއްލަ ކަންކަމަށް ޒިންމާދާރު ކުރުވުން

މީގެ އިތުރުން، މި ދުވަސްވަރު އަަމިއްލަ ސާފްތާހިރު ކަމަށް އިސްްކަން ދިނުމާއި ސޯޝަލް ޑިސްޓަންސިން އަށް ސަމާލުވެ ގޭގައި ތިބުމަށް އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ވަނީ ދެ ހަފްތާ އަށް ބަންދުކޮށްފަ އެވެ. މިނިސްޓްރީން ގްރޭޑް 10 އެއްގެ ކުދިންނަށް އަމާޒުކޮށް ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް "ޓެލި ކިލާސްތައް" ތިން ދުވަހަށް ކުރިއަށްގެންދިޔަ އެވެ. އަދި، އިތުރު ގްރޭޑްތަކަށްވެސް ކިޔަވަދޭނެ ގޮތްތައް ދިޔައީ ހޯދަމުންނެވެ.