ވިޔަފާރި

ވާޗުއަލް ޓުއާއަކުން ރާއްޖެ ދައްކާލަނީ

ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް އޮންލައިން މެދުވެރިކޮށް ފެންނަ ގޮތަށް "ވާޗުއަލް ޓުއާއެއް" ދޭން ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ޓޫރިޒަމް ފެެއާ ބޭއްވި ކުންފުނި ކަމަށްވާ ޓީޓީއެމް އިން ބުނި ގޮތުގައި އަންނަ ޖޫން މަހު އެ ކުންފުނިން ފަށާ އެ މަސައްކަތް ވެގެން ދާނީ ރާއްޖެ މާކެޓު ކުރަން މުޅިން އަލަށް ކުރާ ކަމަށެވެ. އަދި އެކަން ވާނީ ރާއްޖެ މާކެޓު ކުރަން މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އޮންލައިންކޮށް ރާއްޖެ ފެންނަ ގޮތަށް ދޭ މި ވާޗުއަލް ޓުއާގައި މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ވަނީ ބައިވެރިވެފަ އެވެ. މިކަން ކުރާނީ އެ ކުންފުނިން ރިސޯޓުތަކާއި ގެސްޓްހައުސް ހުންނަ ރަށްރަށުގެ ހާއްސަ ފޮޓޯ އާއި ވީޑިއޯތައް ނަގައި، ޕެނެރޮމިކް ކޮށް ފެންނަ ގޮތަކަށެވެ. މި މަންޒަރުތައް ވީއާރާއި ފޯނު އަދި ލެޕްޓޮޕާއި ކޮމްޕިއުޓަރުން ވެސް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ބަލައިލެވޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 48 އަހަރު ވެފައިވާއިރު، މިހާތަނަށް ރާއްޖެ މާކެޓު ކުރަމުން ގޮސްފައިވަނީ ޓޫރިޒަމް ފެއާ ތަކަށް ގޮސްގެނެވެ. މިކަމަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. ނަމަވެސް ވާޗުއަލް ޓުއާ ފަދަ މާކެޓިންގެ ޒަމާނީ އުކުޅުތައް ދުނިޔޭގެ ގިނަ ގައުމުތަކުން ބޭނުން ކުރެ އެވެ.