ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މުސީބާތުގައި އިންސާނިއްޔަތުގެ މިސާލު

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ކޮންމެ ދުވަހަކު އެތައް ހަބަރެއް ފެތުރެ އެވެ. މުޅި ދުނިޔޭގެ މީޑިއާއިން މި ވައިރަހުގެ އަޕްޑޭޓްތައް މެދުނުކެނޑި ގެންނައިރު، ވައިރަހުގެ ސަބަބުން ލިބޭނެ ގެއްލުމާމެދު އާއްމުން ދަނީ ވިސްނާ ފިކުރު ކުރަމުންނެވެ. ވައިރަސް ފެތުރިއްޖެ ނަމަ ދެން ވާނެ ގޮތަކާއި، ދިރިއުޅުމަށް އަންނާނެ ބަދަލު އަދި ހާއްސަކޮށް ގައުމަށް ވާނެ ގޮތަކާ މެދު ވިސްނާ އެންމެން ތިބީ ބިރެއްގެ ތެރޭގަ އެވެ.


މިކަހަލަ ހާލަތްތަކުގައި އަބަދުވެސް ދިވެހިން ބުނާ ވާހަކަ އެއް އޮވެ އެވެ. ދިވެހިންނަކީ ގައުމު އެއްބައިވަންތަ ވާން އެދޭ ވަގުތެއްގައި މިސާލު ދައްކާ ބައެކެވެ. އެ މިސާލު މިއަދު އެބަ ފެނެ އެވެ. މިއަދު ސިޔާސީ ފިކުރެއް އެހެން ހިޔާލެއް ނެތެވެ. ގައުމު އިސްކޮށް ފަރުދީ ޒިންމާ އަދާ ކުރަނީ އެވެ.

ގޭގެ ކުލި ކުޑަކޮށްލި މީހުން

"އަންނަ މަހުގެ ކުލި ހިލޭ ކޮށްފީމެވެ. މި ދުވަސްވަރު ގިނައިން ލާރި ނުލިބޭނެކަން އެނގެ އެވެ. އަހަންނަކަށް ވެސް ނުލިބެ އެވެ. އެކަމަކު ކާބޯތަކެތި ފަދަ ޒަރޫރީ އެއްޗެހިން ދެ މީހުން ވެސް އެހީތެރިވަމާ ހެއްޔެވެ؟ މި ހަނގުރާމަ ކުރާނީ އެކީގަ އެވެ"

މިއީ ކޮރޯނާ ވައިރަސް އަށް ރާއްޖޭގައި ޕޮސިޓިވް ކޭސްތައް ފެނި އެންމެން ބިރުވެރިކަމުގެ ތެރެއަށް ވެއްޓުނު ވަގުތު ގެއެއްގެ ވެރި ފަރާތް، އެ ގޭގައި ކުއްޔަށް އުޅޭ މީހަކަށް ފޮނުވި މެސެޖެކެވެ. ތެދެކެވެ. އިގްތިސާދީ ގޮތުން ހީނަރުވާނެ ކަމަށް އެތައް ބަޔަކު ލަފާ ކުރާއިރު، ބޮޑެތި ކުލި ދައްކައިގެން އުޅޭ ދިވެހިން ތިބީ، އަންނަ މަހު ކުލި ދައްކާނެ ގޮތެއް ހޯދަމުންނެވެ. މިއަދު، އެތައް ބަޔަކު ކުލިން އެއްބައި ކަނޑާ ނުވަތަ މުޅި މަހުގެ ކުލިވެސް މާފުކޮށްފި އެވެ. އިންސާނިއްޔަތުކަން އިސްކުރީ އެވެ.

އޮންލައިން ކޮށް ކިޔަވައިދޭ ޓީޗަރުން

ވައިރަހުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ދަރިވަރުންނެވެ. ސްކޫލްތައް ތިން ހަފްތާ އަށް ބަންދު ކުރި އިރު މި ދުވަސްވަރު ދަރިވަރުންނަށް އެންމެ ބޮޑު އެހީއެއް ބޭނުންވާނީ ޓީޗަރުންގެ ފަރާތުންނެވެ. ޓީޗަރަކަށް ވެ ހުރެ، ފިލާވަޅުތައް ނަގައި ނުދީ ނުތިބެވޭތަން މިއަދު އެބަ ފެނެ އެވެ. ޓީޗަރުން އެމީހުންގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދަރިވަރުންނަށް ދަނީ ކިޔަވައި ދެމުންނެވެ. އޮންލައިން ކްލާސްތައް ހިލޭ ނަގައިދީ ކުރިއަށް އޮތް އިމްތިހާނުތަކަށް ތައްޔާރު ވުމަށް އެހީވެދެ އެވެ.

ހާއްސަކޮށް މި އަހަރު އޯލެވެލް އޭލެވެލް އިމްތިހާނުގައި އިށީންނަ ދަރިވަރުންނަށެވެ. ގޫގުލް ކްލާސްރޫމް އާއި ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް އޮންލައިން ކްލާސްތައް ނަގައިދެނީ އެތައް ސްކޫލެއްގެ އެތައް ދަރިވަރުންނަށެވެ. ފިލާވަޅުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޯނަށް ފޮނުވަ އެވެ. ބޭނުމަކީ، ބޮޑު ޗުއްޓީ އެއް ވިޔަސް، ވަގުތު ބޭކާރު ނުކޮށް ކިޔެވުމެވެ.

ހިލޭ ލިބޭ މާސްކުތައް ރައްކާކުރޭ!

މި ވަގުތު މާސްކަކީ އެންމެ ބޭނުން ވެފައި އޮތް އެކައްޗެވެ. މި މާސްކުތައް ބޭސް ފިހާރަތަކާއި އަމިއްލަ ފަރާތްތަކުން ވިއްކާ އިރު، ހިލޭ ބަހާ މީހުން ވެސް މަދެއް ނޫނެވެ. ބައެއް ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރި އަކާއެކު މާސްކެއް ނޫނީ ދެ މާސްކު ދެ އެވެ. މިގޮތަށް ދޭ މާސްކުތައް ރައްކާ ކުރާށެވެ. ބޭނުން ޖެހޭ ވަގުތުގައި ބޭނުން ކުރެވޭނެ ހާލަތެއްގައި ބަހައްޓާށެވެ. ފަހުން މުހިއްމު ވެދާނެ އެވެ.

ޑޮކްޓަރުންގެ ނަސޭހަތާއި މެސެޖުތައް

ކޮވިޑް-19 އެންމެ ފުރަތަމަ ހަބަރުތަކަށް އައި ދުވަހުން ފަށައިގެން ހުއްޓުމެއް ނެތި، މި ވައިރަހާ ގުޅޭ މައުލޫމާތު އާއްމުންނަށް ހިއްސާ ކުރި އެއް ބަޔަކީ ޑޮކްޓަރުންނެވެ. ވައިރަހަކީ ކޮބައި ކަމާއި، ފެތުރޭނެ ގޮތްތަކާއި އަލާމާތްތައް އަދި އަމަލު ކުރަންވީ ގޮތްތައް ވީޑިއޯ އާއި ލިޔުމުން ޑޮކްޓަރުން ދިޔައީ ކިޔައިދެމުންނެވެ. އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ޓީވީ އާއި ނޫސްތަކަށް ގޮސް އިންޓަވިއު ދިނުމުގައިވެސް މި ޑޮކްޓަރުން ވަކި ވަގުތެއް ނުބަލަ އެވެ. ހާއްސަކޮށް، އޭޑީކޭގެ ޑޮކްޓަރު އަބްދުﷲ ނިޔާފް އާއި އަހްމަދު ފައިސަލް މިސާލު ދެއްކި ޑޮކްޓަރުންގެ މި ލިސްޓުން ފާހަގަކޮށްލެވެ އެވެ.

"ޖީބުން ދޭން ޖެހުނަސް މުސާރަ ނުކަނޑާން"

އެތައް ކުންފުންޏަކާއި ސަރުކާރަށް ވެސް ހެދޭނެ އިތުރު ގޮތެއް ނެތިގެން ހަރަދު ތައް ކުޑަ ކުރަން މި ހަފްތާގައި ނިންމި އެވެ. ކުންފުނިތަކުން، އެ ކުންފުނީގެ ސްޓާފުންގެ މުސާރައިން 15 ޕަސެންޓުން 5 ޕަސެންޓާ ހަމައަށް ކުޑަ ކުރަން ނިންމީ ކޮރޯނާ ވައިރަހުގެ ސަބަބުން ކުންފުނި މެނޭޖް ކުރެވޭނެ އިތުރު ހާލަތެއް ނެތިގެންނެވެ. މި ހާލަތުގައި ރާއްޖޭގެ ނަން ހިނގާ އެއް ކުންފުންޏަކުން ބުނީ މިހެނެވެ. "ޖީބުން ދޭން ޖެހުނަސް މުސާރަ ނުކަނޑާނަން". އެތައް ހާސް މުވައްޒަފުން މަސައްކަތް ކުރާ ސިމްޑީ ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ނުކަނޑަން ނިންމި އެވެ.

ރަށަށް އެރޭނީ ބަނދަރުމަތިން އަތް ދޮވެގެން

ރަށަށް އަރަން ބަނދަރު މަތިން ފައިބާއިރު ފެންނަނީ އަތްދޮންނަ ތައްޓެކެވެ. އަތިރިމަތީގެ ސަރަހައްދެއްގައި، ރަށަށް އަރާފައިބާ މީހުންނަށް ފަސޭހައިން އަތުޖެހޭ ހިސާބުގައި، އަތްދޮންނަ ތަށި ބަހައްޓާފައި ހުރީ ފެން ވައިރުކޮށްފަ އެވެ. ތަށި ކައިރީގައި އަތް ދޮންނަ ސައިބޯނި ފުޅިއާއި ސެނިޓައިޒާ ވެސް ބަހައްޓާފައި ހުއްޓެވެ. ދޮވެ ނިންމާ ހިއްކަން ޓިޝޫވެސް ހަމަ އެ ދިމާގަ އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން އަތް ދޮވުމަށް ބާރު އަޅަން ބުނި ފަހުން އެތައް ރަށަކުން ކުރަމުން އަންނަ ކަމެކެވެ. ތ. ގުރައިދޫ ގއ. ކޮނޑޭގެ ރަށު ތެރޭގެ އެކި ސަރަހައްދުތަކުގައިވެސް އަތްދޮންނަ ތަށި ބަހައްޓާފައި ހުއްޓެވެ. "ގަނޑިޔަ! ދެން އަތް ދޮވެގަ! ފަރުދީ ޒިންމާ އަދާ ކުރޭ!" ރަށެއްގައި ބަހައްޓާފައި ހުރި އަތްދޮންނަ ތަށި ކައިރީ ލިޔެފައި ހުއްޓެވެ. ފަރުދީ ޒިންމާ އަދާ ކުރަންވީ އެވެ.

ލޯކަލް އާޓިސްޓުން އެކީގައި ސޯޝަލް މީޑިއާ އަށް

ރާއްޖޭގައި އާޓިސްޓުންގެ ބޮޑު ޕްލެޓްފޯމެއް އޮވެ އެވެ. ލޯކަލް އާޓިސްޓުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް މެދުކެނޑި ގޭބަންދުވުމުން، އާޓިސްޓުން އެކުގައި ނިންމީ ކުރެވެން އޮތް ގޮތަކަށް އެމީހުންގެ މަސައްކަތްތައް ކުރުމަށެވެ. އިންސްޓަގްރާމްގެ އައިޖީޓީވީ މެދުވެރިކޮށް ބައެއް ފަންނާނުން ޝޯތައް ހުށަހަޅައިދެމުން އަންނަ އިރު ކުރެހުންތެރިންނާއި ކޭކު އަޅާ ފަރާތްތައް އަދި އަތްތެރި މަސައްކަތް ކުރާ މީހުން ދަނީ އޯޑަރުތައް ނަގަމުންނެވެ.

ބައެއް ޖިމް އިންސްޓްރަކްޓަރުން، ވޯކްއައުޓް ސެޝަންތައް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް އެބަ ގެންދެ އެވެ. އެންމެ ކަމުދާ އިންސްޓްރަކްޓަރުގެ ސޯޝަލް މީޑިއާ ބަލާލާށެވެ. ޖިމްގައި ނޫނަސް، ވޯކްއައުޓް ސެޝަން ކުރިއަށްގެންދާ ގަޑިތައް ވެސް ހިމަނާފައި ހުރެ އެވެ. މި އެންމެން އެއްކޮށް ތެދުވެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުނަރު އެބަ ދައްކަ އެވެ.

ދަތި އުނދަގޫ ހާލަތްތަކުގައި ދިވެހިން މި ދެއްކީ މިސާލެކެވެ. އިންސާނިއްޔަތުކަން އިސްކޮށް އެއްބައިވަންތަ ބަޔަކަށްވީ އެވެ.