ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފުލުހަށް މައްސަލަ ހުށަހެޅުން އޮންލައިންކޮށް

Mar 19, 2020

ކޮވިޑް-19 ރޯގާ މީހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ފުލުހަށް މައްސަލަ ހުށަހެޅުންވެސް އޮންލައިކުރަން ނިންމާފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ، ގިނަ މީހުން އެއްތަނަކަށް ޖަމާވުން މަދުކުރުމަށް ސަރުކާރުގެ ގިނަ އިދާރާތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ފުލުހުންގެ އިދާރާއަށްވެސް ހާޒިރުނުވެ، ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށެވެ.

އެގޮތުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތައްވެސް އޮންލައިންކޮށް ހުށަހެޅޭގޮތަށް، ފޯމެއް މިއަދުގެ ވަގުތެއްގައި ތައާރަފްކުރެވޭނަކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.

"އާއްމުކޮށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން، މައްސަލަ ހުށަހަޅާ ފަރާތެއްގެ ބަޔާންނަގާ ގޮތަށް މި އޮންނަނީ. އެކަމަކު އެކަން އޮންލައިންކުރުމުން، އޮންލައިންކޮށް ހުށަހަޅާ އެ ފޯމަކީ އެ މީހަކު ދޭ ބަޔާނުގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައި،" ރިޔާޒް ވިދާޅުވި އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުން އޮންލައިންކުރުމުން، ކޮންމެހެން އަންނަންޖެހިގެން މެނުވީ، ފުލުހުންގެ އިދާރާއަށް ހާޒިރުނުވުމަށް މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަށްރަށުގައި ފުލުހުންގެ ދައުރު ފުޅާކުރަނީ

ކޮވިޑް-19 އާ ގުޅިގެން، އެ ބައްޔަށް ޝައްކުކުރެވޭ ފަރާތްތައް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގާ އެންގުތައް ތަންފީޒުކުރުމާއި، އަރައި ފޭބުން މަނާކުރާ ރަށްތަކާއި ރިސޯޓުގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން، އެ ބައްޔަށް ރައްޔިތުން އަހުލުވެރި ކުރުމުގެ ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަކަމަށް އެ ބައްދުލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވި އެވެ.

އެގޮތުން، ފުލުހުންގެ ޑިޔުޓީތަކަށް ބަދަލުގެނެސް، ހާއްސަކޮށް ރަށްރަށުގައި ފުލުހުން ބައިތިއްބާފައި ތިބޭ އަދަދު މިހާރުވެސް އިތުރުކުރެވިފައިވާކަމަށް ފައިރޫޝް ހާމަކުރެއްވި އެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި، ރަށްރަށުގައި ހުންނަ ފިނި މައިޒާންތަކުގައި މީހުން ގިނަވެއްޖެނަމަ، ނަސޭހަތްދީ އެމީހުން އެތަނުން ފޮނުވައިލުމުގެ މަސައްކަތްތަކެއް ފުލުހުން ރަށްރަށުގައި ކުރަމުންދާ ކަމަށެވެ.

އަދި ރަށްރަށުގައިވެސް މީހުން އެތަނަކަށް ޖަމާވެ، ކޮންމެހެން ބޭނުމެއްޖެހިގެން މެނުވީ ބޭރުތެރެއަށް ނުކުމެ ނޫޅުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އިތުރު ބަޔަކު ބަލީގެ އަލާމާތްތައް ފެނިގެން ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ،

އެއާއެކު، ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން ގެންދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް، ރިސޯޓުތަކުން އެހެން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސްކޫލްތަކާއި، ތައުލީމު ދޭ މަރުކަޒުތަކާއި، ސިނަމާތަކާއި، ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައިވާއިރު، މާދަމާއިން ފެށިގެން 10 ދުވަހަށް ސަރުކާރު ބަންދު ކުރަން ވެސް ވަނީ ނިންމާފަ އެވެ. ޖާމައަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާއިރު، އާންމު އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.