ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކްރިމިނަލް ކޯޓާއި ޕީޖީ އޮފީސް ވީޑިއޯ ލިންކަކުން ގުޅާލައިފި

ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ވީޑިއޯ ލިންކަކުން ގުޅާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ރާއްޖޭގައި މުވާސަލަތީ ހިދުމަތް ފޯރުކޮށްދޭ ދިރާގު ކުންފުނީގެ އެހީތެރިކަމާއެކު ކްރިމިނަލް ކޯޓާއި އެ އޮފީހާ ދެމެދު ފުރަތަމަ ފަހަރަށް އޯޑިއޯ އަދި ވީޑިއޯ ލިންކެއް ގާއިމުކޮށް ގުޅުލާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު ޕަބްލިކް ޕްރޮސެކިއުޓާ އައިޝާ އަޒޫރު ވަނީ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓާ އެކު އަޑުއެހުމެއް ކުރިއަށް ވެސް ގެންގޮސްފަ އެވެ.

ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ދެމެދު އޯޑިއޯ އަދި ވީޑިއޯ ލިންކަކުން ގުޅާލުމާ އެކު، އަޑުއެހުންތައް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އެވެ. ޕީޖީ އޮފީހުން ބުނީ އެ ބަދަލާ އެކު ވަގުތާއި އެތައް ފައިސާއެއް ވެސް ސަލާމަތް ކުރެވިގެން ދާނެ ކަމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭން ވެސް ފެނުމާ ގުޅިގެން، އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގެ އޮފީސްތަކުގެ މަސައްކަތްތައް ވަނީ އޮންލައިންކޮށްފަ އެވެ.

ސްކޫލްތަކާއި މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތައް ވެސް ބަންދުކޮށްފައިވާއިރު، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ސްކޫލްތަކުން ޓެލެކްލާސްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު މިހާރު ވަނީ އެ ކްލާސްތައް ވެސް ބަންދުކޮށްފަ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާއިރު، މި ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތަކާއި މައިޒާންތަކާއި ސިނަމާތަކާއި ޖިމްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ބޮޑެތި އެއްވުންތައް ބޭއްވުން ވެސް މަނާކޮށްފައިވާއިރު، މަގުމަތީ ގިނަ ވަގުތު ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭން ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވާއިރު، އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެހެންކަމުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާއިރު ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.