ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާތީ، އިގްތިސާދަށް ލިބޭ ގެއްލުން ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިންމު ފިޔަވަޅުތަކެއް އަޅައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަމް ދާއިރާއަށާއި އެހެންވެސް އިގްތިސާދީ އެކިއެކި ދާއިރާއަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ހީނަރުުކަމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން އިގްތިސާދަށް ކުރަމުންދާ ގެއްލުންތައް ދެނެގަނެ، މި ގެއްލުންތައް ކުޑަކުރުމަށް މިވަގުތަށް އެމްއެމްއޭ ގައި ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިއްމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭންކްތަކާއެކު މަޝްވާރާކުރެވި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައެޅިފަ އެވެ. ރާއްޖޭގެ ވިޔަފާރި ތަކަށް ކުރާ އަސަރު ކުޑަ ކުރުމަށާއި، މުވައްޒަފުންގެ ވަޒީފާ ގެއްލިޔަ ނުދިނުމަށްޓަކައި މާލި އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަން މިދަނީ ބަލަމުންނެވެ. އަދި ބޭންކް ތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުުމުގެ އިންތިޒާމުތައް ވެސް ވަނީ ރޭވިފަ އެވެ.
އެމްއެމްއޭ އިން އަޅަމުންދާ ފިޔަވަޅުތައް
ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މި ފަދަ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އެންގުން (ލޯނު އަނބުރާ ދެއްކުން މަޑުޖައްސާލުމަށްޓަކައި އެ ފަދަ ފަރާތްތަކުން ޖެހޭނީ އެކަމަށް އެދި ބޭންކަށް ހުށަހަޅާށެވެ)
ބޭންކްތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، މި އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް 5 ޕަސެންޓް އާ ހަމައަށް ދަށް ކުރުން
މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުން ވެއްޖެ ހާލަތެއްގައި މި އޮތޯރިޓީ އިން ކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުން.
އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރު ފައިސާގެ އަދަދު އިތުރުކުުރުމާއި މި އޮތޯރިޓީގައި ގާއިމުވެފައި ހުރި އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރު ފައިސާ އިތުރަށް ފޯރުކޮށްދިނުން
މި އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުން
މި އޮތޯރިޓީއާއި ސަރުކާރާ ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯދުން
އެމްއެމްއޭ އިން ވަނީ މި ހާލަތުގައި މި އޮތޯރިޓީ އިން ދެމުންގެންދާ ބޭންކިންގް އަދި ޕޭމަންޓް ސިސްޓަމްގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އިދާރާތަކާއި ބޭންކްތަކާ ގުޅިގެން ވަނީ ހަމަޖައްސާފައެވެ. މި ގޮތުގެ މަތިން ސަރުކާރު ބަންދުވެފައިވާ މުއްދަތުގެ ތެރެއިން 19، 23 އަދި 26 މާޗު މި ދުވަސްތަކުގައި ބޭންކިންގް ހިދުމަތާއި ޕޭމަންޓް ސިސްޓަމްގެ ހިދުމަތްތައް މި އޮތޯރިޓީން ލިބޭނެ އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފަ އެވެ.