ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު ބަންދު ކުރިނަމަވެސް، އަންނަ ހަފުތާގެ ތިން ދުވަހު ބޭންކްތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނެ ކަމަށް ބުނެފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި މަހުގެ 12 އިން 16 އަށް ސަރުކާރު ބަންދު ކުރިނަމަވެސް، އަންނަ ހަފުތާގެ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށެވެ.
އަންނަ ހަފުތާގައި ބޭންކިން ހިދުމަތްތަކާއި ފައިސާ ބަލައިގަނެ، އަދި ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 12:30 އަށެވެ. އަދި އެމްއެމްއޭ އިން ވަކި ލާރި ދޫކުރުމުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން 11:00 އަށެވެ.
ކޮވިޑް-19 އާ ގުޅިގެން އާއްމުން އެއްވެ އުޅުމުން ދުރުހެލި ކުރުމަށްޓަކައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ ތިން ހަފުތާ ވެއްޖެ އެވެ. ކޮވިޑް ރޯގާ އަށް ރާއްޖެ އިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 17 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. މިހާރު މި ބައްޔަށް ފަރުވާކުރަމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސެކެވެ. މި މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެ އެވެ.