އެކްސިޑެންޓް

ހުޅުމާލޭގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެ

Mar 21, 2020
2

ހުޅުމާލޭގައި ބަހަކާއި ކާރެއް އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 3:32 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި އެކަމަކު ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގި ވަގުތު ދެ އުޅަނދު ދުއްވި ދެ މީހުންނަކީ ވެސް އެ ކެޓަގަރީގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ބަހަކާއި ކާރަކާ ޖެހި މިއަދު އެކްސިޑެންޓެއް ހިނގިއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލޭގައި ބްރިޖަށް އަރާ މަގުގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކުރި އެވެ. އެކަމަކު އޭނާ ފަހުން ދޫކޮށްލި އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދިޔަ އެމްޓީސިސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ވެސް މަރުވެފައިވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހުމުންނެވެ.