ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އަދި ގޭބަންދު ނިންމާކަށް ނުވޭ!

ކޮވިޑް-19 އިގެ ބަލާއާފާތުގެ ބިރުގައި މުޅި ރާއްޖެ އޮއްވާ މިދިޔަ ދެ ދުވަހަކީ ހިތަށް ވަރަށް ބޮޑު ހަމަޖެހުނެއް ގެނެސްދިން ދެ ދުވަހެވެ. ސިއްހީ ގޮތުން ރާއްޖެ އޮތް ދަރަޖަ ވެސް ދުނިޔެއަށް ދެއްކި ދެ ދުވަހެވެ. ގާބިލް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި އެބަތިބިކަމުގެ އުފާވެރިކަން ލިބުނު ދެ ދުވަހެވެ. ހާއްސަ ބޭހެއް ނެތް ކޮވިޑް-19 ބަލިން ތިން މީހަކު ރާއްޖޭގައި ވަނީ ރަނގަޅުވެފަ އެވެ. މިއީ ދިވެހިންނަށް ވަރަށް ބޮޑު ތަސައްލީއެކެވެ.

ދިވެހިންނަށް މި ލިބުނު މި ހިތްހަމަޖެހުމާއާއެކު ބަންދު ވެގެން ތިބި މީހުން ވެސް މިނިވަންވެއްޖެ އެވެ. ގޭބަންދަށް ބަދަލުވި މީހުން މަޑުމަޑުން ބޭރަށް ނުކުންނަން ފަށައިފި އެވެ. އެންމެންނަށް ވެސް ހީވަނީ ބިރުވެރިކަން ފިލައި ދިޔައީ ކަމަށެވެ. މިހާ ހިސާބުން ނުރައްކަލެއް ނެތީ ކަމަށެވެ. އެހެން ނަމަވެސް އަދި އޮތީ އެހެނެއް ނޫނެވެ. އަދި މިތިބީ ސަލާމަތުގެ އައްސޭރީގައިކަން ބުނާކަށް ނޭނގެ އެވެ.

މުޅި ދުނިޔެ ވެސް މި ބަލިމަޑުކަމުގައި އަދި އޮތީ ވާނުވާ ނޭނގި އެވެ. ބޮޑެތި، އެތައް ގޮތަކުން ކުރިއަރާފައިވާ ގައުމުތަކުން ވެސް އެ އުޅެނީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. މިކަމުން އަރައި ނުގަނެވި ހާލަތު ގޯހުން ގޯހަށް ދާތީ އެވެ. ކޮވިޑް-19 ބަލި ފަތުރާ ވައިރަސް އިތުރަށް ފެތުރޭނީ ކިހިނެއް ކަމެއް، ފަހުގެ ސައިޑް އިފެކްޓްސްތަކެއް ހުންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ބުނާކަށް އަދި ނޭނގެ އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ އެއް ޑޮކްޓަރު ކަމަށްވާ މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މިއީ އުފާ ފާޅުކުރަންވީ ވަގުތެއް ނޫނެވެ. ކޮވިޑް-19 އިގެ ބިރު އަދިވެސް އޮތީ އެވެ. އޭގެ ރާޅުތައް އަދިވެސް ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ މަސައްކަތަކީ ބަލި ރާއްޖޭގައި ފެތުރުން ކުޑަކުރުމެވެ. އެކަމަކު އެކަން ހަމައެކަނި ޑޮކްޓަރުންނަށް ހާސިލް ނުކުރެވޭނެ އެވެ. މިއީ ޓީމެއްގެ ގޮތުގައި ހުރިހާ ރައްޔިތުންގެ ވެސް ބައިވެރިވުމާއެކު ހާސިލް ކުރެވޭނެ ކަމެކެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި އެންމެ މީހަކު ކުރާ ކަމަކުން ވެސް މުޅި ގައުމު ނުރަައްކަލުގެ ތެރެއަށް ވެއްޓިދާނެ އެވެ. "ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑު،" ކަން ފާހަގަ ކުރައްވަމުން މަބުރޫކު ވިދާޅުވި ގޮތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމެކެވެ. ފަރުވާކުޑަވެ، އަލާމާތްތަކަށް އަޅައިނުލައި ހުއްޓާ މުޅި ގައުމަށް ނުރައްކާ ފެތުރިގެން ހިނގައިދާނެ އެވެ.

ސަރުކާރާއި ސިއްހީ މާހިރުން މިހާރު ވެސް އެދެމުން ދަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ނޫންނަމަ، ބޭރަށް ނުނިކުންނާށެވެ. ނަމަވެސް މިހާރު ވެސް މާލޭގެ ބޭރު މަގު ފުރާ ސައިކަލްތަކެވެ. ފިނި ބުރު ޖެހުން ހުއްޓައެއް ނުލައެވެ. ކެފޭ ރެސްޓޯރެންޓްތައް ރޭ 12:00 އާ ހަމައަށް ޖެހެންދެން ވެސް ފުރިފަ އެވެ. އެ ތަންތަން ވެސް އެ ހުސްވީ އެ ތަންތަނުގައި ތިބެގެން ކެއުން ސަރުކާރުން މަނާ ކުރުމާ ހަމައިންނެވެ.

ދެން ސައިކަލް ބުރުޖެހުން ވެސް މަނާ ކުރަންވީ ހެއްޔެވެ؟ އާޓިފިޝަލް ބީޗާ ދިމާލަށް ނުކުންނަ މީހުން ވެެސް މަދެއް ނޫނެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ ބިރުވެރިކަމުގެ އިހުސާސް ހަމަ ނުކުރެވެނީ ހެއްޔެވެ؟ އެ އިހްސާސް ކުރެވޭނީ ކިހާ ދަރަޖައަކަށް ދިއުމުން ހެއްޔެވެ؟ ނޫންނަމަ އެންމެ ބިރުވެރި ހާލަތަކަށް ދާންދެން މަޑު ކުރަނީ ހެއްޔެވެ؟ ބިރުވެރި ހާލަތަށް ނުދިޔަސް ދާން ބޭނުން ނުވިޔަސް، އެ މަންޒަރު ކުރަހައި ދެވިދާނެ އެވެ.

ކޮވިޑް-19 ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމުކަމަށްވާ އިރާނުގެ ޝަރީފް ޔުނިވާސިޓީއަކުން ހެދި ދިރާސާއަކަށް އިޝާރާތް ކުރައްވަމުން، އެޗްޕީއޭގެ މެޑިކަލް ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ހަމައެކަނި ބަލި ޖެހިފައިވާ މީހުން އެކަހެރިކުރުމުން ފިޔަވައި، ސޯޝަލް ޑިސްޓަންސިން އިތުރު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މުހިއްމުކަންް އެ ދިރާސީއިން އެކަނިވެސް ސާފު ވެއެވެ. އެގޮތުން، އިރާނުގައި އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، މިހާރު އެގައުމުން އަޅާފައިވާ ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅި، އެކަންކަން ތަންފީޒު ކުރެވި، އަދި ރައްޔިތުން އެ ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންވި ނަމަވެސް، އެގައުމުގައި އިތުރަށް 12،000 މީހުން މަރުވާނެ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

އަދި އެ ފިޔަވަޅުތައް ކޮންމެވެސް ވަރަކަށް އެޅިގެން، ގިނަ ބަޔަކު އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރި ނަމަވެސް، އެ އަދަދު 110،000 އަށް އިތުރުވެގެން ދާނެ އެވެ. އިރާނުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ، އެގައުމުގައި މި ބަލި ޖެހިގެން 3.5 މިލިއަން މީހުން މަރުވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވާ ކަމަށް ނަޒްލާ ވިދާޅުވެ އެވެ.

"އެ ހާލަތަކަށް އަދި ރާއްޖެއެއް ނުދޭ. އެކަމަކު ކޮމިޔުނިޓީ ޓްރަންސްމިޝަންގެ ހާލަތަކަށް ގޮސް މީހުންގެ މެދުގައި ފެތުރިގެން ގޮސްފިނަމަ، މި ބަލި ކޮންޓްރޯލްކުރަން ވަރަށް އުނދަގޫ ވާނެ،" ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ސިއްހީ އިދާރާތަކުން އަންގާ އެންގުންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވަމުން ނަޒްލާ ވިދާޅުވި އެވެ.

ޑރ. މޫސާ މުރާދު ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މީހުން ނެގެޓިވްވަމުން ދިޔަ ނަމަވެސް ފަރުދީ ޒިންމާ ރައްޔިތުން އަދާ ނުކުރާނަމަ، އޭގެ ފައިދާއެއް ނުވާނެ އެވެ. މީހުން ނެގެޓިވްވަމުން ދިޔުމަކީ ރާއްޖޭގައި ބަލި ކޮންޓްރޯލްވުމެއް ނޫން ކަމަށެވެ. އަދިވެސް ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ޑރ. މުރާދު ވެސް ފާހަގަ ކުރެއްވި އެވެ. ހާއްސަ ގޮތެއްގައި ގޭގައި އެކަހެރިކޮށް ތިބުމަށް ސަރުކާރުން އަންގާފައިވާ މީހުން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭކަން ފާހަގަ ކުރެއްވި އެވެ. އެމީހުން ފަރުވާ ކުޑަނުކޮށް ހަގީގީތަކަށް އެކަހެރިކޮށް ތިބުމަށް ޑރ. އިލްތިމާސް ކުރެއްވި އެވެ.

އެޗްޕީއޭއިން ވަނީ އެގޮތަށް އަމަލު ނުކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް މިއީ އަދަބު ދީގެން ގަދަކަމުން ކުރުވަން ޖެހޭ ކަމެއް ނޫނެވެ. މިއީ ހަމަ އަމިއްލަ މީހާ އާއި އަމިއްލަ މީހާގެ އަނބިދަރިންނާއި މައިންބަފައިންގެ ރައްކަލަށް ވެސް ކުރަން ޖެހޭ ކަމެކެވެ. މިކަމުގައި ހަމަ އެކަކު ވެސް އިސްތިސްނާއެއް ނުވާނެ އެވެ. ކޮންމެ މީހަކަށް ވެސް ބަލީގެ ނުރައްކާ އޮންނާނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވެފައިވާ ގޮތަށް ސިއްހީ ހިދުމަތްތެރިންނާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ނުކައި ނުބޮއި، އާއިލާތައް ދޫކޮށް ދަރުބާރުގޭގައި ތިބެގެން އެ ކުރާ މަސައްކަތްތަކުގެ އެއްވެސް ބޭނުމެއް ރައްޔިތުން އަޑުނާހާ، ބޭނުންހާ ގޮތަކަށް އުޅޭނަމަ ނޯންނާނެ އެވެ. ސަރުކާރުން މިހާރު ވެސް ރައްޔިތުން ގޭގައި ބޭތިއްބުމަށް އެހީތަކެއްވެދީފަ އެވެ. ފެނާއި ކަރަންޓު ބިލުން ބައެއް ދައްކައިދެ އެވެ. ސަރުކާރާއި ސްކޫލްތައް ވެސް ބަންދުކުރީ އެވެ. ގޭގައި ތިބެގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ގޮތާއި އޮފީސްތަކަށް ލިޔުންތައް ހުށަހެޅޭނެ ގޮތް އޮންލައިންކޮށް ވެސް ހަދައިދިނީ އެވެ. ވަޒީފާއިން ވަކިކުރާ މީހުންނަށް ވެސް އެ އޮތް އެހީވެ ދެނީ އެވެ. ސަރުކާރުން އެ ހުރިހާ ކަމެއް ވެސް ކޮށްދެނީ ރައްޔިތުން ގޭގައި ތިބޭތޯ އެވެ.

"އަދިވެސް މަގުމަތިން އެބަފެނޭ ވަރަށް މީހުން، މިއޮތީ ހަފުތާއެއް ކުރިން ނުކުރެވި ހުރި ކަންކަން ކޮށްލުމަށް، ކުރިއަށް އޮތީ ރޯދަ މަސް، ނުހިފި ހުރި ރޯދަތައް ހިފާލަންވީ، ފޮތެއް ކިޔާލަން، އެއްޗެއް ކުރަހާލަން، ތިޔަބޭފުޅުންގެ ރައްކާތެރިކަމަށް ގޮނޑިއެއްގަ އިށީނދެ އިނދެދޭށޭ އަޅުގަނޑުމެން މި ބުނަނީ، ޑޮކްޓަރުން ނުކުމެ އެ މަސައްކަތް ކުރައްވަނީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭން، ތިޔަބޭފުޅުން ކޮށްދޭންވީ ކަމަކީ ހަމަ އިށީނދެ އިންނަވަންވީ ހަމަ އިނދެވުން ވަރަކަށް، ގޭގަ އިނގޭތޯ،" ކޮވިޑް-19ގެ މައުލޫމާތުތައް އެންމެ ތާޒާކޮށް ހިއްސާ ކުރައްވާ މަބުރޫކު ވިދާޅުވި އެވެ.

ގޭގެ އެނދުގައި ނޫނީ ސޯފާގައި ތިބުމަށް ސަރުކާރުން އެދެމުންދާއިރު އެއީ ހަމަ އެހާ އުނދަގޫ ކަމެއް ހެއްޔެވެ؟ އެވަރަށް އާދޭސް ކުރީމަ ވެސް ނުކޮށް ގަދަ ދައްކަންވީ ކަމެއް ހެއްޔެވެ؟ މިކަމާ ވިސްނާލާ، ގޭގައި ތިބެން ހިނގާށެވެ! އެންމެ ހަފުތާއަކަށް ވެސް ގޭބަންދުވެލަން ހިނގާށެވެ! އަދި ކާމީޔާބީއެކޭ ކިޔައި މަގުމައްޗަށް ނުކުމެ އަތް ޖަހަންވީ ވަގުތު ނާދެ އެވެ! އެންމެން ގޭގައި ތިބެއްޖެނަމަ އެ ދުވަސް ގާތެވެ!