ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ދެ މީހަކު ވެސް ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެ. މިއީ ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފަ އެވެ.

އަލަށް ކޮވިޑް-19 އިން ރަނގަޅުވެފައިވާ ދެ މީހުންނަކީ ކޮން ބައެއްކަން މިއަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ ދެ މީހުން ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ނިންމީ ކޮވިޑް-19 އަށް ޑަބަލް ނެގެޓިވްވުމާ ގުޅިގެންނެވެ. އެމީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު އިތުރަށް މޮނީޓާކުރުމަށްފަހު އެވެ.

މީގެކުރިން ކޮވިޑް-19އިން ރަނގަޅުވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޑޮކްޓަރެވެ. އެ ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ ވެސް އިޓަލީ ޓޫރިސްޓެއް މެދުވެރިކޮށެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 600 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަފުތާއެއް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.