ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ ދެ ގެއެއް ލޮކްޑައުންކޮށް، ޓެސްޓްތަކެއް ހަދަނީ

މާލޭގެ ދެ އިމާރާތެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ދެ ގެ ލޮކްޑައުންކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު އެބަތިއްބެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދެ ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓާ ކުރަމުންދާނީ އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށެވެ. އެމީހުންގެ ޓެސްޓްތައް ހަދަނީ ފެލައިނީއާ ކޮންޓެކްޓްވެ، އަދި އެމީހުންގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ވެސް ފެންނާތީ ކަމަށެވެ.

ފެލައިނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.

މަބުރޫކު މީގެކުރިން ވަނީ ފެލައިނީއާ ކޮންޓެކްޓްވި އެއްވެސް ފަރާތެއްވާނަމަ، އެކަން އަމިއްލައަށް އެޗްޕީއޭއަށް އެންގުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެއީ އޭނާއާ ސަލާމްކުރި މީހެއް ކަމުގައި ވިޔަސް އެކަން އިސްވެ އެންގުމަށް އެދިވަޑައިގަތެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

Message by Ministry Of Health