ވިޔަފާރި

ބީއެމްއެލް އިންޝުއަރެންސް ތައާރަފުކޮށްފި

އެލައިޑްގެ އިންޝުއަރެންސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ވިއްކައި ފަށައި، "ބީއެމްއެލް އިންޝުއަރެންސް" ތައާރަފުކޮށްފި އެވެ.

"ބީއެމްއެލް އިންޝުއަރެންސް" ގެ ހިދުމަތް ތައާރަފު ކުރުމަށް، އެ ބޭންކުގެ މެއިން ބްރާންޗުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 27 ބްރާންޗަކުން ހިދުމަތް ލިބޭނެ ކަމަށެވެ.

"މި ކަމަކީ ކަސްޓަމަރުންނަށް ވީ ވައުދެއް. ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އެހެންވެ ތައާރަފު ކުރި ހިދުމަތެއް މިއީ. ހިދުމަތް މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގައި ލިބޭނެ،" ހީލީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެލައިޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް މި ހިދުމަތް ތައާރަފު ކުރުމަކީ ކުރިއްސުރެ ދެކެމުން އައި ކުރަން ބޭނުންވި ކަމެއް ކަމަށެވެ.

"ސީއީއޯ އަކަށް އެންޑްރޫ ވަޑައިގަތުމަށްފަހު މި ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ފެށުނު. އެލައިޑާއެކު މަސައްކަތް ކުރަން ފެށި ކަމަށްޓަކައި ޝުކުރު ދަންނަވަން،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލައިޑުގެ ޒިންމާގެ ދަށުން ބީއެމްއެލް އަށް ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީތައް ދޫކޮށްފައިވަނީ "ހާއްސަ އަގެއްގައި" ކަމަށެވެ.

"ބީއެމްއެލްއާއެކު އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވޭ. ބީއެމްއެލް ކްލައިންޓުންނަށް މިދެނީ ހާއްސަ އަގު ހެޔޮ ރޭޓެއް،" އަމީލް ވިދާޅުވި އެވެ.