ކެފޭ ރެސްޓޯރެންޓް

ކާބޯތަކެތީގެ ހިދުމަތް ދީގެން ތިން ކެފޭއެއް ޖޫރިމަނާކޮށްފި

މަނާކޮށްފައި ވަނިކޮށް ކާބޯތަކެތީގެ ހިދުމަތް ދިން ތިން ކެފޭއެއް ޖޫރިމަނާ ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އިން ފެށިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުން ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. އެ ތަންތަނުން މިހާރު ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތެވެ.

ފުލުހުން ގެންދަނީ އެ އެންގުމާ ހިލާފަށް އެއްވެސް ކެފޭއެއް އަދި ރެސްޓޯރަންޓަކުން އަމަލު ކުރޭ ބަލަމުންނެވެ.

ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހު އެއް ކެފޭ އަދި އިއްޔެ ދެ ކެފޭއަކުން ކާބޯތަކެތީގެ ހިދުމަތް ދީފައިވާތީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެތަންތަން ޖޫރިމަނާ ކުރީ 5000ރ. އިންނެވެ.

އަދި އަދި ޝީޝާ ބުއިމުގެ ހިދުމަތް ދީފައިވާތީ ދެ ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ކެފޭތައް ބަންދު ކުރުމުގެ ކުރިން ޝީޝާގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އެއީ ކޮވިޑް ފެތުރުމަށް ބާރުއަޅާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.