ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ސަލާމަތް ނުވެވިގެން އުޅޭ ކޮވިޑް-19 ބަލިމަޑުކަމުގެ ބަލާއާފާތާއެކު ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އެރި ނަމަވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި ރައްޔިތުންނަށް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ. ރައީސް ސޯލިހު ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހުރި އެތައް ކަންބޮޑުވުންތަކަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އާ އުންމީދުތަކެއް ދެއްވާފަ އެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ރައީސް އިއުލާން ކުރެއްވި ބޮޑު ނިންމެވުމަކީ ރާއްޖޭގެ މައި ދޮރާށި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމުގެ ނިންމެވުމެވެ. އެ ނިންމެވުމާއެކު މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ދޮރާއްޓާއި ޓޫރިޒަމް ވެސް ބަންދު ވެގެން ދާނެ އެވެ. އާމްދަނީގެ މައި ދޮރު ލެއްޕޭނެ އެވެ.
ބޭރުން ކާބޯތަކެތި ވެސް ގެނެވޭނެ ގޮތަކީ ޑޮލަރު ލިބެގެން ކަމަށްވާއިރު ރާއްޖެއަށް ދެން ޑޮލަރު ވަންނާނެ މަގަކީ ކޮބައިތޯއާމެދު ސުވާލު އުފެދެ އެވެ. އެއާއެކު، ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތަކާއި ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެތޯއާމެދު އުފެދޭ ސުވާލު ވެސް ބޮޑެވެ. އެ ސުވާލުތަކަށް ރައީސް މިއަދު ޖަވާބު ދެއްވި އެވެ. ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަންތައްތައް ވިދާޅުވެ ދެއްވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން ހަތަރު މަސް ދުވަހަށް ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އާމްދަނީގެ ގޮތުގައި ޑޮލަރު ލިބޭނެ މަގު ބަންދުވާތީ ލޯނުތައް ނެގުން ބޭރު ގައުމުތަކުން ޑޮލަރު ގެނައުން ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާއިން ދިން ލޯނުގެ ތެރޭގައި ކަރަންސީ ސްވަޕްއަށް ހަމަޖައްސާފައިވާ 400 މިލިއަން ބޭނުން ނުކޮށް އެބައޮތް ކަމަށާއި ބޭނުން ޖެހިއްޖެ ހިނދެއްގައި އޭގެ ބޭނުން ވެސް ހިފޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން 10 މަސް ދުވަހަށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހަނޑުލާއި ހަކުރާއި ފުށް ރާއްޖެ ގެންނާނެ ކަމަށެވެ. އަދި، ފަސް މަސް ދުވަހަށް ބޭނުންވާ މިންވަރަށް ފުޑް ސްޓޮކެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގެ ދަނޑުވެރިން އަންނަ ރޯދަ މަހަށް ތަކެތި ހައްދަމުންދާތީ އެ ތަކެތި މިހާރުން ފެށިގެން ވިއްކޭނެ ޕްލެޓްފޯމެއް އެސްޓީއޯ މެދުވެރިކޮށް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޕްލެޓްފޯމްގެ ތެރެއިން ދަނޑުވެރިންނަށް ތާޒާ ކަމާއި ފަސޭހަކާއެކު އުފެއްދުންތައް ވިއްކޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އެހެންވީމަ އަޅުގަނޑު ހިތުން ފުޑް ސެކިއުރިޓީއާމެދު ކުރިއަށް އޮތް 10 މަސް ތެރޭ އަޅުގަނޑުމެންނަށް ހަމަޖެހިލައިގެން ތިބެވޭނެ، ރައްޔިތުން އެއާ ދޭތެރޭގައި ކަންބޮޑެއްވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި، ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް މިހާރު ވަނީ ދީފަ އެވެ. ރައީސް ވިދާޅުވީ އޭޑީބީ އާއި އޯޕެކް ފަދަ އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ މުސާރަތައް ކުޑަކޮށް، މީހުން ވަޒީފާއިން ވަކި ކުރުމެއް ނޫން، މިހާރު ސަރުކާރުގެ ވިސްނުމަކީ ވެސް އަދި ސިޔާސަތަކީ ވެސް ލިބެންހުރި ތަނަކުން ލޯނު ނަގައިގެން، އިކޮނޮމީއަށް ޕަމްޕު ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ވަޒީފާތަކުން ކަނޑާލައި ގޭގައި މަޑުކުރަން ޖެހޭ ހާލަތެއް ނުގެންނާނެ ކަމަށާއި އޭގެ ބަދަލުގައި މި ހާލަތުގައި ވަޒީފާއިން ވަކި ކުރާނަމަ ގާނޫނުގެ ތެރެއިން އެ ބަޔަކާ ދޭތެރޭ ސަރުކާރުން ވެސް ފިޔަވަޅުތައް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ޔަގީންކަން ދެއްވި އެވެ.
ރާއްޖެ ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާ ކުރަން ބޭނުންވާތީ އެކަމަށް އެދި ޗައިނާ ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީއަށް އަދި ޖަވާބު އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ދެން ބައްލަވައިލެއްވީ އިގްތިސޯދީ ރާޅާއެކު ވިޔަފާރިތަކަށް ކުރާނެ އަސަރު ކުޑަކުރުމުގެ މައްޗަށެވެ. އެގޮތުން ބީއެމްއެލްގެ ހުރިހާ ލޯނެއް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްފައި ވާކަން ފާހަގަ ކުރެއްވި އެވެ. އަދި، ސަރުކާރުން ވިޔަފާރިތަކަށް އެހީވުމަށް ތައާރަފު ކޮށްފައިވާ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުން އޭގެ އެންމެ ހައްގުވެރިންނަށް އެހީ ލިބިގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެ ޕެކޭޖްގެ ތެރެއިން މިހާރު އަސަރު ކުރަމުންދާ ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެއިރު ކުރިއަށް އޮތް ތަނުގައި ޕެކޭޖް ބޮޑު ކުރަން ވިސްނަވާ ކަމަށް ވެސް ވިދާޅުވިއިރު ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ފަސް ކޮށްދެއްވި އެވެ.
ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 އިން އަވަހަށް ސަލާމަތްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި އަދި އަލުން ރާއްޖޭގެ ޓޫރިޒަމް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު ޗައިނާ ކޮވިޑް-19 އިން އަރައިގެންފައިވާއިރު އެ ގައުމަށް ރާއްޖެ އަވަހަށް ހުޅުވާލެވިދާނެ ކަމުގެ އިޝާރާތް ދެއްވި އެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ރައީސް ވިދާޅުވި ގޮތުގައި އުއްމީދަކީ މި މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް އެއްވެސް މީހަކު ނެތުމެވެ އެ ޓާގެޓް ހާސިލް ކުރަން ސިއްހީ ދާއިރާގެ ބޭފުޅުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަ އެވެ.
މިހާރު ޖަރުމަނުގައި ވެސް ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާއިރު އެ ގައުމުން އެކަނި ވެސް މީގެ ތިން މަސް ފަހަށް 20،000 ބުކިން ހަދާފައި އެބަ އޮތް ކަމަށާއި ރަޝިޔާއިން ގިނަ ބުކިންތަކެއް އެބަހުރި ކަމުގެ ހަބަރު ރައީސް ދެއްވި އެވެ. އެހެންކަމުން ޓޫރިޒަމަށް ފާގަތި ދުވަސްތަކެއް އެބައޮތް ކަމަށް ޓޫރިޒަމް ދާއިރާއިން ލަފާ ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަމާޒު ހިފާފައިހުރި ބޮޑެތި މަޝްރޫއުތައް ހުއްޓާލުމުގެ ވިސްނުން ނެތްކަން ވެސް ރައީސްގެ ވާހަކަފުޅުން ޔަގީންވި އެވެ. އެގޮތުން ތިލަމާލެ ބުރިޖާއި ގުޅިފަޅު ބަނދަރުގެ މަޝްރޫއު ކުރިޔަށް ދާނެ އެވެ.
އެ މަނިކުފާނުގެ ދެން ފާހަގަ ކުރެއްވީ ރާއްޖޭގައި އެހެން އިންޑަސްޓްރީތައް ފުޅާކުރުމުގެ ވާހަކަ އެވެ. ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ވާހަކަ އެވެ. ރާއްޖޭގައި ބާނާ މަސް އެކަށް ގަނެ ސްޓޯ ކުރެވޭނެ ވަރުގެ ކެޕޭސިޓީ އުފެއްދުމަށްޓަކައި މަސައްކަތްތަކެއްކޮށް އެކަމަށް ބަޖެޓް ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރާއްޖޭގައި މަސް ރައްކާކޮށް، އަގު ހިފެހެއްޓޭނެ އެވެ. އަދި ދަނޑުވެރިކަން ފުޅާ ކުރުމަށް ޕެކޭޖްތަކެއް ވެސް ތައާރަފް ކުރައްވާނެ އެވެ.
ޝިޕިން ދާއިރާގެ ފުޅާ ކުރުމަށް ބޮޑު ސަލާމު ކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އިރު އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް ހަދައި ފުރަތަމަ ބޯޓު މި މަހުގެ ތެރޭގައި އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭރަށް އެއަށް އިންވެސްޓްކޮށް ރާއްޖޭގައި ކުރީގައި އޮތް ޝިޕިންގެ އިހުގެ ތާރީހު އަލުން އިއާދަ ކުރެވޭނެ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް ރައްޔިތުންނަށް ވެސް ގެނެވެން އެބަ އޮތް ކަމަށާއި ބޭރު މީހުން ކޮންޓްރޯލް ކޮށްފައިވާ ވަޒީފާތަކަށް ދިވެހިން ނުކުތުން ކަމަށެވެ. ދިވެހިން މަސައްކަތްތެރި މުރާލި ބަޔަކަށް ވެއްޖެނަމަ ރާއްޖެއިން ބޭރަށް ދާ ޑޮލަރު މަދުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ހަމައަކަށް އެޅޭނެ ކަމުގެ އުއްމީދު އެބަ އޮތް، އަޅުގަނޑު މި ހުރީ ރައްޔިތުންނާއެކު، ރާއްޖެ މި ހާލަތުން އަވަހަށް އަރައިގަންނާނެ، ދުއާއަކީ މި ކޮވިޑް-19ގެ ނުރައްކާތެރިކަމުން ސަލާމަތްވެ ރާއްޖޭގެ އިގްތިސޯދު ތަނަވަސްކަމާއެކު އަލުން ކުރިއަރައި ހިތްފަސޭހަ ހިތްގައިމު ދިރިއުޅުމެއް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.