ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރޯކޮށްލާނެ ކަމަށް ބުނެފި

Mar 25, 2020
6

އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ އެއްވެސް ރިސޯޓެއްގެ މުއައްޒަފަކު ރިސޯޓުން ފޭބުން މަނާކޮށްފަ އެވެ. އަދި އެއްވެސް ބަޔަކަށް ރިސޯޓަށް ދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އެޖެންސީން އަންގައިފަ އެވެ.

ފުލުހުން މިރޭ ބުނީ އިއްޔެގެ ވަގުތެއްގައި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނެ ރިސޯޓުން ފައިބަން މެނޭޖްމަންޓުގައި އެދުނު ކަމަށާއި ނަމަވެސް އެޗްޕީއޭގެ އެންގުމާ ހިލާފަށް އެ ހުއްދަ ދެވެން ނެތް ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ރިސޯޓުގައި ރޯކޮށްލާނެ ކަމަށް އޭނާ ބުނި މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ވަނީ އެ މީހާ ރިސޯޓުގައި ހުއްޓާ ހައްޔަރުކޮށްފަ އެވެ. އެއީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.