ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ލޯނު ފަސްވެއްޖެ، ދެން ކުލި ކުޑަކޮށްދީ!

ކޮންމެ މަހެއްގެ މުސާރަ ލިބޭ ތަނުން އެ މުސާރައިގެ ބޮޑު ބައެއް ދައްކަން ޖެހެނީ ގޭގެ ކުއްޔަށެވެ. އެކަން އެނގެނީ ތަފާސް ހިސާބު ތަކުންނެވެ؛ ދެހާސް ދޯޅަ ވަނަ އަހަރު ރާއްޖޭގައި ހަދާފައިވާ "ގޭބިސީގެ ހަރަދާއި އާމްދަނީގެ ސާވޭ" އިން އެނގުނު ގޮތުގައި ރާއްޖޭގެ ގޭބިސީއަކުން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޯހިޔާވަހި ކަމަށެވެ. މާލޭގެ ގޭބިސީއަކުން އެވްރެޖު ގޮތެއްގައި ހަމައެކަނި ކުލި ދައްކަން 10،700ރ. ހޭދަކުރެ އެވެ. ހާލަތު ބަދަލުވެ އަހަރު ތަކެއްވީ ނަމަވެސް މި މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ވެފައެއް ނުވެ އެވެ. މައްސަލަ އެގޮތަށް އޮއްވާ، ދުނިޔެ އަށް ލައްވާލި ކޮވިޑް-19 އިގެ ބަލާއާފާތާއެކު ކުލި ދައްކާ ބޮޑު އާބާދީއަށް މިވަނީ އިތުރު ވޭނަކާ ކުރިމަތިލާން ޖެހިފަ އެވެ. އިގްތިސޯދު ދަށްވުމާއެކު އާމްދަނީ ދަށް ވެއްޖެ އެވެ. ކުލި ދައްކާ މީހާއަށް ކުރި އަސަރު ގޭގެ ވެރި ފަރާތައް ވެސް ކުރަން ފަށައިފި އެވެ.

ކުއްޔަށް އުޅޭ މީހާގެ މިހާރުގެ ސުވާލަކީ ކުލި ދައްކާނެ ފައިސާ ލިބޭނެ ހެއްޔެވެ؟ ގޭގެ ވެރިޔާގެ ސުވާލަކީ ބޮޑު ލޯނު ނަގައިގެން ހަދާފައިވާ ގޭގެ ލޯނު ދެއްކޭނެ ފައިސާ ލިބޭނެ ހެއްޔެވެ؟

ގޭގެވެރި މީހާ އާއި ގޭގައި ކުއްޔަށް އުޅޭ މީހާގެ ސުވާލު މިގޮތަށް އޮއްވައި ބޮޑު ނިންމުމެއް އަތުވެއްޖެ އެވެ. މި ހާލަތުން ރައްޔިތުންނަށް ލިބެމުންދާ "ތަދު" ކުޑަ ކުރެވޭތޯ ސަރުކާރުން އިގްތިސޯދީ ޕެކޭޖެއް ނެރެދީފި އެވެ. އެ ޕެކޭޖުގެ ދަށުން ބޭންކުތަކުގައި ހުރި ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށް ދެއެވެ. އެ ނިންމުމާއެކު ގެ ހަދައިގެން ހުރި މީހާގެ ބޮލުގެ ރިހުމަށް ވަގުތީ ގޮތުން ނަމަވެސް ލުއި ލިބިއްޖެ އެވެ. ގެ ހަދަން ނެގި ލޯނު ދެން ދައްކަން ޖެހޭނީ ހަ މަސް ފަހުންނެވެ. އެކަމަކު ކުއްޔަށް އުޅޭ މީހާއަށް އަދި ވެސް ލުޔެއް ލިބޭނެ މަގެއް ނުފެނެ އެވެ.

"މިއީ އާއްމު ހާލަތެއް ނޫން، މިއީ ހާއްސަ ހާލަތެއް. މި ހާލަތުގައި ލޯނު ތަކަށް ލުއިތަކެއް ގެނެސް ދީފައިވުމާއެކު ކުލި ވެސް ލުއި ކޮށްދެވެން ވާނެ. އެކަމަށް މި ވަގުތު ސަރުކާރުން ވެސް ބާރު އެޅުން ހަމަ ވަރަށް ރަނގަޅު،" ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާރުގެ ހާލަތުން ކުލި ކުޑަކޮށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި ހާއްސަކޮށް ލޯނުތައް ފަސްކޮށް ދީފިނަމަ އެކަން ކުރަން ލާޒިމް ކުރަން ޖެހޭ ކަމަށް އެ ފަރާތް ތަކުން ވިދާޅުވެ އެވެ. ސަބަބަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ބާޒާރުގައި ލޯނު ދޭ ހުރިހާ ފަރާތް ތަކުން ލޯނު ތަކަށް ލުއި ގެނެސް ދެމުންދާނެތީ އެވެ.

ހުރިހާ ބޭންކް ތަކުން ލޯނު ލުއިކޮށް ދޭނެ

ރާއްޖޭގެ ހައުސިން ބާޒާރުގައި ގެދޮރު ލޯނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޮންވެންޝަނަލް ލޯނުތަކާއި އިސްލާމިކް ބޭންކުގެ ލޯނުތަކުންނެވެ. މިހާރު އެ ލޯނުތައް ވަނީ ހަ މަސް ފަހުން ދައްކަން ޖެހޭނެ ގޮތަަށް ބަދަލު ކޮށްފަ އެވެ.

ބޭންކުން ވަނީ އަންނަ މަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލޯނުތައް ފަސްކޮށް ދޭން ނިންމާފަ އެވެ. ލޯނު ފަސް ކޮށްދިނުމަށް އޮތް ހަމައެކަނި ޝަރުތަކީ ލޯނު ފަސް ކުރުމުގެ ފުރުސަތަށް އެދުމުގެ ކުރިން އެއްވެސް ޕޭމަންޓެއް ނުދައްކާ އޮތް ނަމަ، އެބައި ހަލާސް ކުރުމެވެ. މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވެސް ވަނީ ލޯނުތައް ފަސްކޮށް ދީފަ އެވެ. އެޗްޑީއެފްސީއަށް އެކަނި ބެލި ނަމަވެސް 1.8 ބިލިއަން ރުފިޔާގެ ލޯނަށް ފަސްވުމެއް އަންނާނެ އެވެ. އަދި ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދޭ އެހެން ބޭންކް ތަކުން ވެސް މި ފުރުސަތު ދޭނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ އެހެން ގައުމުތަކުގެ ބޭންކް ތަކުން ވެސް މި ލުއި ގެނެސްދޭނެ އެވެ. ނަމަވެސް މިވަގުތު ފަސް ކަމެއް އައިސްފައި ވަނީ އެ ބޭންކްތަކުން ބޭރުގައި ހުންނަ ހެޑް އޮފީސް ތަކުން އެޕްރޫވަލް ހޯދަން ޖެހޭތީ އެވެ.

ވިޔަފާރި ބިންތަކުގެ ކުލިވެސް ލުއިކޮށްދީ

ލޯނުތައް ފަސްކޮށް ދިނުމުގެ ވާހަކަ މި ވަގުތު އެވަަރަށް ދައްކަން ޖެހޭ ސަބަބަކީ ހަމައެކަނި ގެ ކުއްޔަށް ހިފައިގެން އުޅޭ އާއްމު މީހާއަށް ލުއި ހޯދައިދޭކަށެއް ނޫނެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ވެސް ލުއި ތަކެއް ލިބިގެން ދާނެ އެވެ. ބޮޑެތި މަގުތަކަށް ހުންނަ ގިނަ ގޭގޭގެ ތިރީގައި ބޮޑެތި ގުދަންތައް ހަދާފައި ހުރެ އެވެ. އެ ތަންތަަނަކީ ނިސްބަތުން ބޮޑު ކުއްޔެއް ދައްކާ ތަންތަނެވެ.

މާލޭގަައި ތިން ރެސްޓޯރެންޓް ހިންގާ ކުންފުންޏެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި ރެސްޓޯރެންޓް ވިޔަފާރި އެއްކޮށް ހުއްޓިފައިވީ ނަމަވެސް ކުލީގެ ލުއިކަމެއް ނުލިބޭތީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ވެއެވެ.

"ރެސްޓޯރެންޓްތައް ބަންދު ކުރީމަ މިހާރު އާމްދަނީއެއް ނުލިބޭ އެއްގޮތަކަށް ވެސް. އެކަމަކު އެބަތިބި 80 ވަރަކަށް މުވައްޒަފުން. މީގެ ތެރޭގައި ދިވެހިން ގިނަ. މިހާލަތުގައި އެއްވެސް މީހަކު ކަނޑާލައި އެއްލާލުން އެއީ ކުރެވޭނެ ކަމެއް ނޫން. މިހާރު އަޅުގަނޑުމެންގެ މި ސަފާ ކުރަމުންދާ ކަންތައްތަކަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކުލި ލުއިކޮށް ދީފިނަމަ. އެކަމަކު ގޭގެ ވެރިން އެކަހަލަ ވިސްނުމެއް ހުރިހެނެއް ހިއެއް ނުވޭ. އެކަމަށް އެބަޖެހޭ ސަރުކާރުން ވެސް ބާރު އަޅަން،" އޭނާ ވިދާޅުވި އެވެ.

ކުލީގެ ލުއިކަމެއް ގެނެސް ދީފިނަމަ މުދަލުގެ އަގު ހެޔޮ ކުރުން ނުވަތަ އަގުތައް ކޮންޓްރޯލް ކުރުމަށް ވެސް ބާރަކަށް ވާނެ އެވެ. މި ހާލަތުގައި ބަލަން ޖެހެނީ ފައިދާ ނެގުމަކަށް ނޫނެވެ. ހުރިހާ ފަރާތްތަކެއް ވެސް ސަވައިވް ވާނެ ގޮތެއް ހެދުމަށެވެ. އެއްވެސް މީހެއްގެ ވަޒީފާ ގެއްލިއްޖެނަމަ މި ހާލަތުގައި ކޮޅަށް ތެދުވުމަކީ ދަތިކަމަށް ވާނެ އެވެ. މީގައި ބޮޑެތި ކުންފުންޏެއް ކުދި ވިޔަފާރިއެއް ނެތެވެ.

ކުލި ކުޑަކޮށް ސަރުކާރުން މިސާލު ދައްކާ

ސަރުކާރުގެ ގިނަ ބިންތަކެއް ތަފާތު އަގުތަކެއްގައި އާއްމުންނަށް ކުއްޔަށް ދީފައިވެ އެވެ. މިސާލަކަށް ހުޅުމާލެއަށް ބަލާނަމަ ހުރިހާ ބިން ތަކަކީ ވެސް ބޮޑެތި ކުލިތަކުގައި ދިފައިވާ ތަންތަނެވެ. މި ވަގުތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުއްޔަށް ލުއި ތަކެއް ދެވިދާނެ އެވެ. ހުޅުމާލޭގައި ވެސް ވިޔަފާރީގެ ބިންތައް ބޮޑެތި އަގުތަކުގައި ދޫކޮށްފައިވެ އެވެ. އަދި އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ވެސް ބޮޑު ނޫން ނަމަވެސް ލުއިތަކެއް ދިނުމަކީ ކުރެވޭނެ ކަމެކެވެ. އަދި ހުޅުމާލޭގައި މަތީ ފަންތީގެ ފްލެޓުތަކެއް ވެސް ދޫކޮށްފައިވެ އެވެ. ވިޔަފާރިތަަކަށް ގެއްލުން ވެގެންދާއިރު އެ ތަންތަން ހިފައިގެން ތިބި މީހުނަށް ވެސް އަސަރު ކުރާނެ އެވެ. އެހެންވެ މިއީ އެޗްޑީސީއަށް ކުރެވިދާނެ ކަމެކެވެ.

މާލޭގައި އަތޮޅު ފިހާރަ ތަކަކީ ވެސް ބޮޑު ކުލީގައި ދޫކޮށްފައި ހުރި ތަންތަނެވެ. ފިނޭންސް މިނިސްޓްރީއަށް މި ތަންތަނުގެ ކުއްުޔަށް ލުއި ގޮތްތަކެއް ހަދަައި ދެވިދާނެ އެވެ. މި ލުއި ގެނެސް ދެއްވިއްޖެނަމަ ވިޔަފާރިތަކެއް ސަލާމަތަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް ވަޒީފާ ތަކެއް ނުގެއްލި ހިފަހައްޓާ ލެވިދާނެ އެވެ.

އެހީތެރިވުމުގެ މިސާލުތައް

މި ދަތި ވަގުތު ކުލީގެ ލުއި ގެނެސްދީ އެހީތެރިވުމުގެ މިސާލުތައް ބައެއް ފަރާތް ތަކުން ދަނީ ދައްކަމުންނެވެ. ބައެއް ގޭގޭގެ ކުލި ވަނީ ކުޑަކޮށްދީފަ އެވެ. ބައެއް ގޭގެ ވެރިން ވަނީ ކުލިން ބޮޑު އަދަދެއް ކަނޑާލައި ދީފަ އެވެ. ބައެއް ގޭގެ ކުއްޔަށް ދީފައި ތިބި ފަރާތް ތަކުން 9،000ރ. އާއި 10،000ރ. އުނި ކޮށްދީފައި ވެއެވެ.

ގެއެއްގެ ވެރިޔަކު ކުއްޔަށް އުޅޭ މީހުންނަށް ފޮނުވާފައިވާ މެސެޖެއްގައި ވާ ގޮތުން އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުލި ކުޑަ ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިން މަހަކު 22،000ރ. ދައްކަން ޖެހޭ އެޕާޓްމަންޓަށް ދެން ދައްކަން ޖެހޭނީ 11،000ރ. ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން ވެސް ވަނީ ފުޑް ކޯޓުގެ ކުއްޔަށް ލުޔެއް ދީފަ އެވެ. މިހާރު ރެސްޓޯރެންޓްތައް ބަންދު ކޮށްފައިވާތީ މި ވަގުތު ކުލި ނާރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ކުރިމަތީގައި އޮތީ އެންމެނަށް ވެސް ދަތި ދުވަސްތަކެކެވެ. މި ދަތި ހަމައެކަނި އޮތީ ރާއްޖެއަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށް މީގެ ދަތިކަން ދަނީ ފޯރަމުންނެވެ. މިވަގުތަކީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ވަގުތެވެ. އެހީތެރި ވެގެން މިކަމުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ވަގުތެވެ. އެހެންވެ ލޯނުތަކަށް ދިން ލުއިކަން ގެތަކުގެ ކުލިން ވެސް ފެންނަން ޖެހެ އެވެ. އެހެން ނޫނީ މި ބަދަލުތައް ގެނައުމުގެ އެއްވެސް ބޭނުމެއް ނެތެވެ.