ކޮވިޑް-19 އިގެ ބަލާއާފާތުގެ ނުރައްކާލުން ދިވެހި ރައްޔިތުން އަރައި ގަތުމަށް ކުރާ ބުރަ މަސައްކަތުގައި ފުލުހުންގެ ހުރިހާ ވަސީލަތަކާއެކު ކޮންމެ ފުލުހެއްގެ ހަކަތަ ބޭނުން ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 87 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާންމު ކުރެއްވި ކުރު ހިތޯބެއް މެދުވެރިކޮށް އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން މިވަގުތު ދުނިޔެއަށް ކުރިމަތި ވެފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތިން އަރައިގަތުމަށް ކުރާ ބުރަ މަސައްކަތުގެ ކުރީ ސަފުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަދި ފުލުހުންގެ ހުރިހާ ވަސީލަތެއް އެކަމަށް ބޭނުން ކުރާއިރު ކޮންމެ ފުލުހެއްގެ ހަކަތަވެސް އެކަމުގައި ބޭނުން ކުރާ ކަމަށާއި އެކަން ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތް ރާއްކާތެތެރިކޮށް އަމާން ވެއްޓެއް ގާއިމް ކުރަން ފުލުހުން ގޮންޖެހުންތަކާއެކު މަސައްކަތް ކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ.
އިތުރަށް އޭނާގެ ހިތޯބުގައި މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދާހިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެވުނު ކަމަށް ވިދާޅުވި އެވެ.