ޖިންސީ ފުރައްސާރަ

14 އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކުރި ބައްޕަ ހައްޔަރުކޮށްފި

އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރަމުންދިޔަ މައްސަލައެއްގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނޯތް ޕޮލިސް ޑިވިޝަން (ނ،ރ،ބ،ޅ) ގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރަމުންދިޔަ މައްސަލައެއް އިއްޔެ ހުށައެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އިރޮއޮއްސުނު ވަގުތު އެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމާއި، އަނިޔާ ކުރުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އަދި މިއަހަރު އެފަދަ މައްސަލަތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަމިއްލަ ދަރިފުޅަށް އަދި ކާފަ ދަރިންނަށް ޖިންސީ ފުރައްސާރައާ އަނިޔާ ކުރުމުގެ މައްސަލަތަކުގައި މިއަހަރު ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.