ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ ބައެއް މީހުން ކުރަމުންދާ މުޒާހަރާއާ ގުޅިގެންނެވެ.
ފުލުހުން ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން އެންމެންގެ ރައްކަލަށްޓަކައި ހުރިހާ އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރޭގައި އަމަލުތައް ބެލެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.