ހަބަރު

ދޫކޮށްލި ޑްރަގުގެ ބޮޑު އަލުން ހައްޔަރުކޮށް ބަންދު ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން ދައުވާ އުފުލާފައިވާ، ގއ. ހޯޑެނދޫ، އަލޯރާ، އަލީ އަރުޝަދު ދޫކޮށްލި މައްސަލަ ރިވިއުކޮށް އަލުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އޭނާ ދޫކޮށްލުމަށް ނިންމެވި ކުރިމިނަލް ކޯޓުގެ ގާޒީ މިއަދު ވަނީ އަލުން އެ ނިންމުން ރިވިއު ކުރައްވާފަ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަލުން އަމުރު ކުރެއްވި ކަމަށެވެ. އެ އަމުރުގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް 10 ދުވަސް ވެސް ކުރިމިނަލް ކޯޓުން މިއަދު ވަނީ ޖަހާފަ އެވެ.

އަލީ އަރުޝަދުގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ދައުވާގައި އެދިފައިވަނީ އެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ތުހުމަތުވާ 1،535،110 ރުފިޔާ އާއި 146،731 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ.

މި ދައުވާ އިއްޔެެ އުފުލާފައިވަނިކޮށް އަރުޝަދު ވަނީ ކޯޓުން ދޫކޮށްލުމުން ފާޑުކިޔުން ވެސް އޮތީ އަމާޒުވެފަ އެވެ.

އަރުޝަދަކީ 10 ގެއަކާއި ވެހިކަލްތަކެއް ބަލައި ފާސްކޮށް ނުވަ ކިލޯ ހެރޮއިން އާއި ހަތަރު ގްރާމް ކޮކެއިން އާއި ފައިސާތަކެއް ހޯދައި އެއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ.

އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި ގިނަ އަދަދެއްގެ ފައިސާއަކީވެސް މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ބޭންކް އެކައުންޓްވެސް ވަނީ ފްރީޒް ކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.

ދެން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، އިތުރުމަތީގޭ، އަހުމަދު ސުނައިންއާ، ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހުމަދު ގިޔާސްއާ، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގޭ، އަލީ ޒުބައިރެވެ. އެމީހުންގެ މައްޗަށް ވެސް ދައުވާތައް އުފުލާފައިވާއިރު އެމީހުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.