ހުސައިން ޝަމީމް

ދޫކުރުމެއް ނެތް، ކުރެއްދޫ މައްސަލަވެސް ކޮޅެއްގައި ޖެހެން ޖެހޭ

ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލަވެސް ކުރިއަށްދާނެ ކަމަށާ އެ މައްސަލަވެސް ކޮޅެއްގައި ޖެހި ނަތީޖާ ނެރެވޭނެ ކަމުގެ އިޝާރާތެއް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ބަޔަކު އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ނުބެލޭނެ ކަމަށާ އެ މައްސަލަ ބަލަން ފުލުހުން ސީރިއަސްކޮށް މަސައްކަތް ނުކުރާ ކަމުގެ ތުހުމަތުވެސް ބައެއް އާންމުން ކުރެއެވެ.

މިއަދު އަވަސްގައި ލިޔެފައިވާ ހަބަރަކާއި ގުޅޭގޮތުން ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކުރެއްދޫ މައްސަލަވެސް ވަކި ކޮޅެއްގައި ޖެހެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލާގައިވެސް އަދި އެނޫން މައްސަލަތަކުގައިވެސް ދޫކުރުމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ދޫކުރުމެއް ނެތް. ކޮޅެއްގައި ޖެހެން ޖެހޭ. ކުރެއްދޫ މައްސަލައިގަވެހެ. މިކަންކަމުގައި އޮތީ ހިކުމަތްތެރިކަމާއި، ކެތްތެރިކަމާއެކު، ގަދައަޅައި މަސައްކަތް ކުރުން. އިރާދކުރެއްވިއްޔާ ނަތީޖާ ނެރެވޭނެ." ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ގއ. ހޯޑެނދޫ، އަލޯރާ، އަލީ އަރުޝަދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާ ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް އަނބުރާ ނެގޭ ގޮތަށް ކަމަށް ޕީޖީ އޮފީހުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ހަބަރާއެކު ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކުރެއްދޫ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާކޮށްފައެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައަށް ތިން ޕްރޮސެކިއުޓަރުން ވަނީ ހާއްސަކޮށްފައެވެ. އަދި އިތުރު ބައެއްގެ ބަޔާންތައް ނެގުމަށް ފުލުހުންގެ ޓީމަކާއެކު އެ ޕްރޮސެކިއުޓަރުން ކުރެއްދޫއަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިޓަލީ މީހާގެ ޓައިމްލައިން

  • ފެބްރުއަރީ 23: ރާއްޖެއައިސް ރިސޯޓަށް ދިޔަ
  • ފެބްރުއަރީ 26: ހުން އައިސްގެން ރިސޯޓު ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 26: ރެސްޓޯރަންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓުނު
  • ފެބްރުއަރީ 27: ކަރު ތެރެއަށް އުނދަގޫވާތީ އަލުން ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 27: ކޮވިޑް-19 އަށް ޝައްކުކުރެވިގެން ރިސޯޓުގައި މަޝްވަރަކުރި
  • ފެބްރުއަރީ 27: ޑޮކްޓަރު އެޗްޕީއަށް ގުޅި
  • ފެބްރުއަރީ 28: އަނެއްކާވެސް ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 29: ރިސޯޓް ޑޮކްޓަރަށް ދެއްކި
  • މާޗް 1: ރިސޯޓުން ފުރައިގެންގޮސް އެއާޕޯޓުގައި ހުއްޓާ އަނބުރާގަތް
  • މާޗް 1: ބޯޓުން ބޭލުމުން އެއާޕޯޓްގެ ޕޯޓް ކްނިކަށް ގެންދެވުނު
  • މާޗް 1: ނުފުރިގެން މާލެ އައިސް މާގިރި ހޮޓަލުގައި މަޑުކުރި
  • މާޗް 2: އޭނާ ރާއްޖޭން ފުރައިގެން ދިޔަ