ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އެންމެން "ނޯޕޭ"ގައި ގެއަށް ހޫރާލަނީ!

ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔެ މިއޮތީ ހުރިހާ ގޮތަކުން ވަރަށް ދަތިކޮށެވެ. އެހާ ނިކަމެތި ހާލަތެއްގަ އެވެ. މި ބަލާއާފާތުގެ އަސަރު ނުކުރާ އެކަކުވެސް ނެތެވެ. މީގެ ގެއްލުން ނުފޯރާ ވިޔަފާރިއެއް ވެސް ނެތެވެ. ހާއްސަކޮށް ޓޫރިޒަމް ސެކްޓާއަށް މީގެ ގެއްލުން ވަކިން ބޮޑެވެ. އޭގެ ނަތީޖާއަކީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް މި ބަލީގެ ސަބަބުން ކުރި އަސަރު ވެސް އިންތިހާއަށް ބޮޑުވުމެވެ.

މި ދަނޑިވަޅުގައި މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ ބައެއް ކުންފުނި ތަކުން ވަނީ ދާއިރާގައި ތިބި މުވައްޒަފުން "ނޯޕޭ ލީވެ"އް ދީ ނުވަތަ މުސާރަ ނުދީ ގެއަށް ފޮނުވާލަން ފަށާފަ އެވެ. މިއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މި ހުރިހާ ދުވަހު ދިން ހިދުމަތުގެ އަގަކީ މިއީ އެވެ؟ މި ނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟

"އަބަދު ވެސް މަސައްކަތް ކުރަނީ ވަރަށް ފޯރީގައި. އަނެއްހެން ވަޒީފާއެއްގެ ގޮތެއްގައެއް ނޫން ނޫން ބަލަނީ. ހަމަ އަމިއްލަ ތަނެއްގެ ގޮތުގަ ބަލަނީ. ހިތްހަމަ ނުޖެހޭ ކަންކަން ކޮންމެ ތަނެއްގައި ވެސް ހުންނާނެ. އެގޮތަށް މި މަސައްކަތް ކުރަނީ. އެކަމަކު ހާލުގަ ޖެހުނު ދުވަހު މިގޮތަށް ގެއަށް ދާން ޖެހުމަކީ ވަރަށް ހިތް ދަތި އަސަރެއް ކުރުވި ކަމެއް،" ގެއަށް ދާން ޖެހުމުން ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަކީ ނިސްބަތުން ދިވެހި ޒުވާނުން ގިނައިން މަސައްކަތް ކުރާ ދާއިރާ އެކެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި އެ ދާއިރާގައި ޖުމްލަ 30،000 މީހުން އުޅެ އެވެ. އޭގެ ތެރޭގައި ދިވެހިން ވަރަށް ގިނަ އެވެ.

މި ދައްކަނީ 17،000 އެއްގެ ވާހަކަ

ޓޫރިޒަމް ދާއިރާގައި 17،000 ދިވެހިން އުޅެ އެވެ. އެ މަސައްކަތްތެރިންގެ ބޮޑު ބަޔަކީ ވެސް ޒުވާނުންނެވެ. މުސްތަގުބަލަށް އުންމީދުތައް ކުރާ ޒުވާން ކުދިންނެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ސަަބަބުން ޓޫރިޒަމް ސެކްޓާގެ މަސައްކަތް ހުއްޓުމާއެކު، އެންމެ އަވަހަށް ގެއްލުންވި ބަޔަކީ އެ މީހުންނެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަށް ވަނީ މި ދަތި ވަގުތު މުސާރަ ނެތް ގޮތެއްގައި ގެ އަށް ދާން ޖެހިފަ އެވެ. ނޫނީ މުސާރައަށް ގެނައި ބަދަލާއެކު ގަބޫލު ނުކުރެވޭ ވަރުގެ ކުޑަ އާމްދަނީއެއް ލިބޭ ބަޔަކަށް ވެފަ އެވެ.

ޓޫރިޒަމް ސެކްޓާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވާ ގޮތުގައި މިހާތަނަށް 11،000 މުވައްޒަފުން "ނޯ ޕޭ" ގައި ގެއަށް ފޮނުވާލަން ވަނީ ނިންމާފަ އެވެ.

ޓީމްގެ އެ އަދަދަކީ ރަނގަޅު އަދަދެއް ނަމަ މީއީ 11،000 އާއިލާ ބިކަ ކޮށްލުމެވެ. މިހާރުގެ އަންދާޒާއަކީ ކޮވިޑުން އަރައި ގަންނަން ދެ ތިން މަސް އަދިވެސް ވާނެ އެވެ. އެ މުއްދަތުގައި މި 11،000 އާއިލާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އެ މީހުން ކުލި ދައްކާނީ ކިހިނެއް ހެއްޔެވެ؟ ކެއިން ބުއިމުގެ ހަރަދުތައް ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ކައިގެން ބޮއެގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މި 11،000 މީހުންގެ އާއިލާގައި ކިހާ މީހުނެއް ހިމެނޭނެ ހެއްޔެވެ؟

މި ނޫން އެހެން ގޮތެއް ނެތްތަ؟

ހައްތާވެސް ސުވާލު ތަކެކެވެ. މި ގޮތަށް މުވައްޒަފުން ގެއަށް ފޮނުވާލާއިރު ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަކީ ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް ކުރާ އިންވެސްޓްމަންޓް އަވަހަށް ލިބޭ އެއް ދާއިރާ އެވެ. ކުރިން ހަތް އަހަރުން އިންވެސްޓްމަންޓް ރިޓާން ލިބެ އެވެ. މިހާރު މި އަދަދު 10 އަހަރަށް ބަދަލުވީ ނަމަވެސް މިއީ ނިސްބަތުން އިންވެސްޓްމަންޓް ރިޓާން ލިބެން ކުރު މުއްދަތެކެވެ. ވީއިރު މި ހުރިހާ ދުވަހު ހިންގި ރިސޯޓު ތަކުން މުވައްޒަފުން "ނޯޕޭ" ދީފައި ގެއަށް "ހޫރައި" ލުމަކ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

ޓޫރިޒަމަށް ލިބޭ އާމްދަނީގެ ބޮޑު ބައި ދަނީ ބޭރަށެވެ. މިއީ ގައިމުވެސް ރަނގަޅު ވާހަކަ އެކެވެ. ރިސޯޓުތައް ހިންގަނީ ލޯނު ނަގައިގެނެވެ. މިވެސް ރަނގަޅު ވާހަކަ އެކެވެ، އެކަމަކު މި ހާލަތުގައި މަސައްކަތް ކުރާނެ "ދެވަނަ ގޮތެއް" ނެތުމަކީ މައްސަލަ އެކެވެ. މި ފަދަ ހާލަތްތަކުގައި މުވައްޒަފުންނަށް ގެއްލުން ވީހާ ވެސް ކުޑަކޮށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

އޯފް ސީޒަންގައި ރިސޯޓު ހަ މަހަށް ބަންދު ކުރާއިރު ގިނަ ރިސޯޓުތަކުން މުވައްޒަފުން ވަތްކެއް ނުކުރެ އެވެ. ބަންދު ކޮށްގެން މަރާމާތުކޮށް އަލުން ހުޅުވަ އެވެ. ވީއިރު ދެތިން މަހު އެކަން ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ މި ވެސް ސުވާލެކެވެ.

"ނޯޕޭ" އަށް ފޮނުވާލުމެކޭ އެ މުވައްޒަފު ވަޒީފާ އިން ވަކި ކުރުމެކޭ ތަފާތަކީ ކޮބައި ހެއްޔެވެ؟ ވަޒީފާއަށް ދަނީ އާމްދަނީ ހޯދާށެވެ. އެކަން ނުވާ ހާލަތެއްގައި ގެ އަކަށް ނޫން، ގަނޑު ވަރަކަށް ފޮނުވާލިއަސް އެކަމުން އެ މީހަކަށް ގެއްލުން ނޫން ކަމެއް ނުލިބޭނެ އެވެ. ބިކަވުން ނޫން ކަމެއް ނުވާނެ އެވެ.

ބައެއް ރިސޯޓު ތަކުން މުވައްޒަފުންނާ މެދު ގާނޫނާ ހިލާފަށް އަމަލު ކުރާ ކަމަށް ވަނީ ލޭބަ ރިލޭޝަން އޮތޯރިޓީން ތުހުމަތު ކޮށްފަ އެވެ. ލޭބަ އޮތޯރިޓީން ބުނެފައިވާ ގޮތުގައި ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަކި ކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށެވެ. މި ދަނޑިވަޅުގައި މުވައްޒަފުން ވަކިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލް ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ ގޮވާލާފަ އެވެ.

އެއީ ގާނޫނުގައި އޮތް ގޮތެވެ؛ މި ހާލަތަކީ ގާނޫނީ ގޮތުން އޮތް ތަންކޮޅެއްގައި ހިފުމަށް ވުރެ އިންސާނިއްޔަތު ކަމުގެ ގޮތުން ބަލަން ޖެހޭ ވަގުތެކެވެ.

ބ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއްގައި އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި "ނޯޕޭ" ގެ އިތުރުން މުވައްޒަފުންގެ މުސާރަ ތަކަށް ބައެއް ކުންފުނި ތަކުން ގެނެސްފައިވާ ބަދަލަކީ ވެސް ބަލައިގަންނަން ދަތި ކަމެކެވެ.

"ބައެއް ރިސޯޓު ތަކުން މުސާރަ އެބަ ކުޑަކޮށްލާ މަހަކު 380 ޑޮލަރު [މަހަކު 5،898ރ.] އަށް. މި ވަރުން ކިހިނެއް ތޯ މީހަކު މިހާރު ދިރި އުޅޭނީ މި ޒަމާނުގަ! ވަޒީފާގައި އުޅޭ ޒުވާނުންގެ ބޮޑު ބަޔަކީ މާލޭގައި ކުއްޔަށް އުޅޭ މީހުން. އާއިލާ އުޅެނީ މާލޭގަ، މިއީ ހަގީގަތުގައި އެ ކުދިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރިސޯޓެއްގެ އެޗްއާރު މެނޭޖަރަކު ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު މުވައްޒަފުންނާ ދިމާވާ މީހެއްގެ ހައިސިއްޔަތުން ގިނަ ބައެއްގެ މިވަގުތުގެ އިހުސާސްތައް އެނގެ އެވެ. ކޮވިޑް ބަލާއާފާތުގެ ތެރޭގައި ވެސް ރާއްޖޭގެ މައި ސިނާއަތް ހިފެހެއްޓި "ހީރޯއިން" ނަކީ ޓޫރިޒަމް ސެކްޓާގެ މަސައްކަތް ތެރިން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"ކޮވިޑް-19 ދުނިޔެ އަށް ފެތުރިގެން ދިޔައިރު ނޫސްތަކާއި ޓީވީތަކުން އެބަ އެނގޭ އެ މީހުންނަށް މިހެންކަން މިވަނީ. އެއްވެސް ހިމާޔަތެއް ނެތި އެ މީހުން އުޅެމުން ދިޔައީ. ހަމައެކަނި އާއިލާ ތަކަށް ކާން ބޯން ދޭން. އެކަމަކު އެމީހުނަށް ޖެހުނު ހާލަކީ މިއީ،" އޭނާ ބުންޏެވެ.

ބައެއް ފަރާތް ތަކުގެ ނަމޫނާ

މި ހާލަތުގައި ނަމޫނާ ދެއްކި ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިން އެބަތިއްބެވެ. އެ މީހުން ސާބިތުކޮށް ދީފައި ވަނީ މުވައްޒަފުންނަށް އަޅައިލުމާއި އިންސާނިއްޔަތު ކަމަކީ މި ހާލަތުގައި ވެސް އެންމެ މުހިންމު ބައި ކަމެވެ. މި ލިސްޓުން މިހާތަނަށް ހާމަވެފައި ވަނީ މަދު ބައެކެވެ. އެކަމަކު ލިސްޓުވެސް ކުރެއް ނޫނެވެ. މިހާތަނަށް އެނގިފައިވާ ނަންތަކުގެ ތެރޭގައި ސިމްޑީ އިބްރާހިމް މުހައްމަދު ދީދީ އާއި ހެޕީމާކެޓު ކުންފުނީގެ ހިއްސާދާރުންނާއި މަދު ކޮޓަރިތަކާއެކު ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ވެލާ ޕްރައިވެޓް އައިލެންޑުގެ މެނޭޖުމަންޓާއި ވެރިން ހިމެނެ އެވެ. އެ ފަރާތްތަކުން ވަނީ މުވައްޒަފުންނަށް މުސާރަ ދީ، ހަރަދު ކުޑަ ކުރަން ރިސޯޓުތައް ބަންދު ކޮށްފަ އެވެ.

ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ އެ ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައާއެކު އިތުރު 200 ޑޮލަރުގެ އެލަވަންސެއް ދޭން ނިންމާފަ އެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް، މުސާރައާއެކު އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު ދެ އެވެ.

މީގެ އިތުރުން ރިސޯޓުގައި މި ވަގުތު ތިބި މުވައްޒަފުންގެ ތެރެއިން 1،000 ޑޮލަރު އަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު އެލަވެންސެއްގެ ގޮތުގައި 500 ޑޮލަރު ދިނުމަށް ނިންމާފައި ވެއެވެ. އަދި 1،000 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރު ދެ އެވެ.

ހެޕީ މާކެޓުން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ ހަތަރު ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ދީ ދެ މަހަށް ރިސޯޓު ބަންދުކޮށްފަ އެވެ. އެ ކުންފުނީގެ މެނޭޖުމަންޓުގެ ސީނިއަ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ނިންމުމަކީ މެނޭޖުމަންޓުން އުފަލާއެކު ނިންމި ނިންމުމެއް ކަމަށެވެ.

"ހަގީގަތަކީ މިއީ އެންމެންނަށް ވެސް ދަތި ވަގުތެއް. އެކަމަކު އަޅުގަނޑުމެން ބޭނުންވީ މުވައްޒަފުންނަށް މުސާރަ ދީފަ ފޮނުވަން. އެހެންވެ ހަތަރު ރިސޯޓު ދެ މަހަށް ބަންދު ކޮށްފަ ޕޭ ލީވް ދިނީ. ބޭރު މުވައްޒަފުންނާއި ދިވެހިން ވެސް މީގައި ހިމެނޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ރިސޯޓެއްގައި ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި އަދަދުން ބަލާނަމަ މިއީ ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުންނެވެ. ހެޕީ މާކެޓުން 400 މީހުންނަށް މުސާރަ ދޭއިރު އެހެން ރިސޯޓުތަކުން ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ ދޭން ބޭނުން ނުވަނީ ހެއްޔެވެ؟ ހަމަ ފައިދާ ނުވަނީ ހެއްޔެވެ؟ ބެކަޕް ޕްލޭނެއް ނެތީ ހެއްޔެވެ؟ ވިޔަފާރި ހިންގަން ނޭނގެނީ ހެއްޔެވެ؟

އެންމެންނަށް ވެސް އެނގޭ ކަމަކީ މިއީ ދަތި ހާލަތެއް ކަމެވެ. ރިސޯޓު އޯނަރަށް ވެސް ދައްޗެވެ. ރިސޯޓު މުވައްޒަފަށް ވެސް ދައްޗެވެ. އެހެންވެ، ދަތި މިހާލަތުގައި މުވައްޒަފުން ގެއަށް ފޮނުވާލުމުގެ ކުރިން ވިސްނަން ވެސް ޖެހެ އެވެ. މި ހާލަތުގައި މުވައްޒަފުން "ނޯޕޭ" އަށް ފޮނުވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.