ހަބަރު

ޒުވާބެއް ހޫނުވެ ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި

ގއ. ދާންދޫގެ ސައި ހޮޓަލެއްގެ ތެރޭގައި ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދާންދޫ ހޮޓަލެއް ތެރޭގައި ބަޔަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު ރޭ 21:50 ގައި ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަނިޔާ ލިބުނު 31 އަހަރުގެ ބިދޭސީއެއް ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ކުރެވޭ އަނެއް މީހާއަށް ވެސް އަނިޔާލިބިފައިވާ ކަމަށާއި އޭނާ ފުލުހުންގެ އެހީތެރިކަމާއެކު މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި ހިމެނޭ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނު ނަމަވެސް އަނިޔާގެ ތަފްސީލެއް ހާމަކޮށްފަ އެއް ނުވެ އެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.