ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެންސިސްގެ 850 މުވައްޒަފުންނަށް އުފާވެރި ހަބަރެއް

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުން ހުއްޓިފައިވީ ނަމަވެސް އެންސިސް ފިޝަރީޒްގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާ އަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފި އެވެ.

ދާދި ފަހުން ހުޅުމާލޭގައި މަސް ފެކްޓްރީއެއް ހުޅުވި އެންސިސް ފިޝްރީޒްގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ވަސީމް (އެންސިސް ވަސީމް) އަވަސް އަށް މިއަދު ވިދާޅުވީ ރާއްޖޭގެ އެއާޕޯޓު ބަންދުކޮށް، ޔޫރަޕުގެ ބޮޑު ބައެއް ލޮކްޑައުންގައި އޮތުމުން ޔޫރަޕަށް މަސް ގެންދިއުން ގާތްގަނޑަކަށް ހުއްޓިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

"އިޓަލީ ސްޕޭން ފަދަ ގައުމުތައް ލޮކްޑައުންގައި އޮތީމަ މަސް އެކްސްޕޯޓް ކުރުން އޮތީ ހުއްޓިފަ. އަނެއްކާ ރާއްޖޭގެ އެއާޕޯޓް ބަންދު ކޮށްފައި އޮތުމުން އެއްވެސް ވަރަކަށް އެކްސްޕޯޓެއް ނެތް. އެހެންވެ މިއީ މިހާލަތަށް ބަލާއިރު ވަރަށް ބޮޑު ގެއްލުމެއް. އެކަމަކު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެއްވެސް މީހަކު ވަކި ނުކުރަން،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގައި 850 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކަމަށާ، ނަމަވެސް އެއްވެސް މުވައްޒަފެއް ވަޒީފާ އަށް އުނިކަމެއް ނުގެނެސްވޭ ތޯ މަސައްކަތް ކުރަމުންދާ ކަމަށާ، އެ މުވައްޒަފުންގެ މުސާރަ ވެސް ކުޑަކުރަން ނުނިންމާ ކަމަށެވެ.

"އުންމީދުކޮށްގެން މިތިބީ ސަރުކާރުން ވެސް އެހީތެރިކަމެއް ދޭނެ ކަމަށް،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ވާވަރަކުން މަސް ގަންނަމުންދާ ކަމަށާ، މަސްވެރިން މަހަށް ދާން ހިތްވަރު ވެސް ދެމުންދާ ކަމަށެވެ.

"މިހާރު މިއޮތީ ހަމައެކަނި މަސްވެރިކަން. އަނެއްކާ އިރާދަކުރެއްވިއްޔާ މި ދުވަސްވަރު މަސްވެރިކަން ވެސް ރަނގަޅު،" ވަސީމް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ އިންޑަސްޓްރީތަކަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ. މިގޮތުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޓޫރިޒަމް ސެކްޓާ އަށެވެ.