ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މި އަހަރު ބަޖެޓުގެ ދަރަނި 12 ބިލިއަނަށް އަރާނެ

މި އަހަރުގެ ބަޖެޓުގެ ދަރަނި 12 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިއަހަރު ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުން 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

"ދެހާސް ވިހި ވަނަ އަހަރު އަންދާޒާ ކުރީ ގައުމީ އުފެއްދުންތެރިކަން 7.5 ޕަސެންޓުން އިތުރު ވާނެ ކަމަށް. މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި. ނަމަވެސް މިހާރުގެ ހާލަތާ ގުޅިގެން ބަޖެޓުގެ އަންދާޒާތައް މިހާރު މިވަނީ ބަދަލުވެފަ. ވަރަށް ފުލުއިޑްކޮށް ބަދަލުވަމުން މިދަނީ. އެހެންވެ އޭރުގެ ހަގީގަތްތަކާ މިހާރުގެ ހަގީގަތްތަކާ ވެސް ތަފާތު. މިހާރު އަންދާޒާ ކުރަނީ ގައުމީ އުފެއްދުންތެރިކަން 5.7 ޕަސެންޓުން ދަށް ވެގެންދާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު ރާއްޖޭގެ ޓޫރިޒަމް 37 ޕަސެންޓާއި 50 ޕަސެންޓް ދަށަށް ދާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން އެއާ އެއްކޮށް ސަރުކާރަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑުތަނުން ދަށް ވެގެންދާނެ. މިހާރުގެ އަންދާޒާއަކީ ހިލޭ އެހީއާއި ޓެކްސް ރެވެނިއު އަދި ނޮން ޓެކްސް ރެވެނިއު ހިމަނައިގެން ލިބޭނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ކަމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާލަތަކީ ކުރިން އެއްގޮތަކަށް ވެސް އަންދާޒާކުރި ހާލަތެއް ނޫން ކަމަށާ، މުޅި ދުނިޔޭގެ އިގްތިސާދު ބަދަލު ވެގެން ހިނގައްޖެ ކަމަށެވެ. އަދި ބަޖެޓުން މިހާރު ހަރަދު ކުރަމުން ގެންދަނީ އެ މިނިސްޓްރީން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކަމަށެވެ.

"މިއާއެކު ސަރުކާރުން ވެސް ވަރަށް ގިނަ ކަންތައް ތަކެއް އެބަކުރަން. ކުރިން ލަފާކުރި އާމްދަނީ މަދު ވެގެން ދިއުމާއެކު އަޅުގަނޑުމެންގެ ހަރަދުތައްވެސް އެބަޖެހޭ މަދުކުރަން. ކުރިން ފާހަގަ ކުރިން އެއް ބިލިއަން ރުފިޔާ މަދުކުރަން. މިހާރު ރިކަރަންޠް އެކްސް ޕެންޑިޗާ ކުޑަ ކުރާނަން،" އަމީރު ވިދާޅުވި އެވެ.