ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ބޮޑު ތަދަށްފަހު ދިވެހިންނަށް މި ހޭލެވުނީ!

ރަށްރަށުގެ ހޮޅުއަށިމަތީގައި މީހުން ތިބީ ހާންތިވެގެން ދެމިފައި ތިބެއެވެ. އެއީ އިންސާނުންނޭ ބުންޏަސް އެއީ އަނަރޫފަވެ ހިކިފައިވާ ހަށިގަނޑުތަކަކަށްވުރެ ބޮޑަށް އެއީ ކަށިގަނޑުތަކެވެ. އޮއްޓަރު ކުރެއްވި އެއްޗެއް ކާން ނުލިބި ގިނަ ދުވަސް ތައްވެ، ހިރިލާނެ ހަކަތައެއް ނެތި ތިބެނީ ޖެހުނުތަނަކަށް ދެމިފަ އެވެ. ރަށްރަށުގެ އަތިރިމައްޗާ މާދުރު ނޫން ހިސާބު ގޭ ގޭގައި ތިބޭ އަންހެންވެރިން ލައިގެން ތިބޭ ލިބާސްގަނޑުގެ ކުލައެއް ނޭނގެ އެވެ. ލިބާސްގަނޑު ބާ ވެގެން ގޮސް ފޮތިމަތީ ފޮތި އަޅައި އަޅައި ލިބާހުގެ ކުލަ ހުންނަނީ ގެއްލިފަ އެވެ. އުނުއޮރިޔާން ނިވާކޮށް ލާނެ ފަދަ ވެސް އެ މީހުން އޭރު ތިބި ހާލުގައި ނެތެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުން އަރައިނުގަނެވި ދިވެހިން ހާންތިކަންމަތީގައި ތިބި ދުވަސްވަރެވެ. އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ހާލަކީ އެއީ އެވެ. ހަނގުރާމާއާއެކު ރާއްޖެއަށް ލައްވާލި ބޮޑު ތަދާއެކު ރާއްޖެ އެއްކޮށް ހުސްވެ ބަނޑަށް ޖެހުނީ އެވެ.

"ބައެއް އަންހެނުން އަންނައުނު ބާވެ އޮރިޔާން ނިވާ ނުވާވަރުވީމަ ތިބެނީ ދުވާލު ވަލުތެރޭގައި ފިލާ. އެމީހުން ގެއަށް ދަނީ ރޭގަނޑުވެ އަނދިރިރިވީމަ،" ބޮޑު ތަދުގެ ފަހުކޮޅުގެ ދުވަސްތައް ހަނދާ ހުރި، މިހާރު އުމުރުން 80 އިގެ އަހަރުތައް ގުނަމުން ދާ އިސް ރަށްވެއްސަކު ނަން ނުޖެހުމަށް އެދި އޭރުގެ ހަނދާންތައް އާކުރި އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ފެށި ރާއްޖޭގައި ހުރި ކާބޯތަކެތި ހުސްވެ، ރާއްޖެ ބަނޑަށް ޖެހުނުތާ 78 އަހަރު ވެއްޖެ އެވެ. މިއަދުގެ ޖީލު އެ ވާހަކަތައް ހަަނދާން ނެތް ނުހުންނާނެ އެވެ. އެ ފަދަ ތަޖުރިބެއް ވެސް މި ޖީލުން ކޮށްފައެއް ނެތެވެ. އެކަމަކު ތާރީހީ ފޮތްތަކުގައި އެ ވާހަކަތައް އެ ހުރީ ލިޔެވިފަ އެވެ. އެ ފޮތްތައް މިހާރު ހާވާލައި މިއަދުގެ ހާލަތަށް ވިސްނާލުމުން ސިފަވަނީ ހަމަ އެ މަންޒަރުތަކެވެ. ބަނޑުހައި ހޫނުކަމުގައި މަގޫފަތް ކާ ހިސާބަށް ދާން ނުޖެހުނަސް ވިސްނާލުމުން ދަތިތަކެއްގެ އިހުސާސް ކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ފުނޑުފުނޑު ވެގެން ހިނގައްޖެ އެވެ. ގައުމުތަކުގެ ބޯޑަރުތައް ބަންދުވެއްޖެ އެވެ. ވައިގެ މަގުން މުދާ ގެންނައުން ދަތިވެ، ކަނޑުމަގުން މުދާ ގެނައުން ލަސް ވެއްޖެ އެވެ. މީހުންގެ ވަޒީފާތައް ގެއްލިއްޖެ އެވެ. ފައިސާ ނެތި މުޅީން ހުސްވީ އެވެ. މިއަދުގެ ހާލަތަކީ މިއީ އެވެ.

މި ނުރައްކާތެރި ހާލަތަށް އާދެވުނު ދިވެހިންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި "ފުޑް ރިޒާވެ" އް ހައްދަމަކުންނެއް ނުދެ އެވެ. ކެއުމަށް ބޭނުންވާ މައިގަނޑު ބާވަތްތައް ޖެހެނީ އިމްޕޯޓް ކުރާށެވެ. ދިވެހިންނަށް މިއަދު ކާނާގެ ޔަގީން ކަމެއް ނެތެވެ. އެ ޒަމާނުގައި ކޮންމެ ރަށެއްގައިހެން ބޮޑެތި ރުއްގަސް ހުއްޓެވެ. ބަނބުކެޔޮ ގަސް ހުއްޓެވެ. އަލަ އޮޅުތައް އޮތެވެ. ރަށްރަށުގައި ޒުވާރި އާއި ދޮނަޅަ ހެއްދި އެވެ. އެކަމަކު މިހާރު އެ ފަދައެއް ވެސްނެވެ.

އުމްރާނީ ތަރައްގީ އަށް ސިކުނޑީ ދޫކޮށްލައިގެން ތިބޭތާ ތިބޭތާ 78 އަހަރުވެއްޖެ އެވެ. މިވީ އަހަރުތަކުގެ ތެރޭގައި ގަދަ ނިންޖާއި ގުގުރީގައި ތިއްބައި ފަރުދާގެ ފުރަގަހުގައި ވަމުން ދިޔަ ކަންތައް ތަކެއް ނޭނގެ އެވެ. މިހާރު ޗައިނާއިން އުފަން ވެގެން ނުކުތް ލޮލަށް ނުފެންނަ ވައިރަސް ދުނިޔެ އަށް ބޮޑު ބަލާއާފާތަކަށްވެ އެންމެން ވައްޓާލައިފި އެވެ.

ކޮވިޑް-19 ގެ ބަލާއާފާތް ދުނިޔެ އަށް ކުރިމަތިވެ، ދުނިޔޭގެ ގައުމުތައް ހާސްވެ ތެޅިފޮޅެއް ފެށުމާއެކު ދިވެހިން ހޭއަރައި ބަލައިލިއިރު ކަމަކުދާކަން ނެތެވެ. އަމިއްލަ ރަށުގައި ވެސް އަތުގައި ވެސް ކެވޭނެ، ބޮވޭނެ ފަދަ ވެސް ނެތެވެ. ހުރިހާ އެއްޗެއް މި ޖެހެނީ އިމްޕޯޓް ކުރާށެވެ. ބޮޑު ތަދަށް ފަހު ހޭލައިގެން ބަލައިލިއިރު އަތަކު އެކަށްޗެއް ވެސް ނެތެވެ.

ރާއްޖޭގައި 200 އަށް ވުރެ ގިނަ ރަށުގައި މީހުން އުޅެ، އެތައް ރަށެއް އެކި ވިޔަފާރިތަކަށް ދޫކޮށްފައި ވެއެވެ. މިވީ ދުވަސްތަކުގައި ރާއްޖެއަށް ވެރިކަމުގެ ދައުރުތަކެއް ވެސް އަތުވެއްޖެ އެވެ.

އެކަމަކު ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރާއި ރައީސް މުހައްމަދު އަމީން ދުވަސްވަރު ކުރެއްވި ވަރަށް ރާއްޖޭގައި ފުޑް ރިޒާވެއް ގާއިމް ކުރެވޭތޯ މަސައްކަތް ކޮށްފައެއް ނުވެ އެވެ. ރައީސް އަމީނުގެ ދުވަސްވަރު ދިވެހި ރުއް އިންދުމުގެ މަސައްކަތް ތަކެއް ކުރެވި އެވެ. އެކަމަކު ފަހުގެ ޖީލުން މީގެ ގިނަ ރުއްތައް ކަނޑައި ކަނޑާ ބިންމަތި ކޮށްލީ އެވެ. ކެނޑި ރުކަކަށް އިތުރު ރުކެއް އިންދަން ހަނދާނެއް ނެތެވެ. އެހެން މިހާރު ރާއްޖެ އަށް ބޭނުންވާ ވަރަށް ކާށި ލިބުމަކީ ވެސް ދަތި ކަމަށް ވަނީ ވެފަ އެވެ. ހުރި ރުކެއް ވިއްޔާ ހުރީ މަތިވަރު ނާންނަ ވަރަށް މުސްކުޅިވެފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެ ގައުމަށް މީހުން ބޭނުން ކުރާނެ ވަރަށް ކާނާގެ ބާވަތްތައް ހައްދަ އެވެ. އެ ގައުމަށް ދަތިކަމެއް އަންނަ ހާލަތެއްގައި އެ ތަކެތި އެކްސްޕޯޓް ކުރުން ވަނީ ވާނީ ދަތި ކަމަކަށެވެ. ދުނިޔޭގެ ބާޒާރުން މިހާރު ފެންނަނީ އެ މަންޒަރެވެ. މުޅި ދުނިޔެ ސާޖިކަލް މާސްކްއަށް ޖެހިގެން އުޅެނީ އެހެންވެ އެވެ. ދުނިޔޭގައި މާސްކް ނުއުފައްދަނީ އެއް ނޫނެވެ. އެކްސްޕޯޓް ނުކުރަނީ އެވެ. ބަލިމަޑުކަން ފެތުރޭނެ ވަރެއް ނޭނގޭނީ އެކްސްޕޯޓް ކޮށްޓްރޯލް ކުރަނީ އެވެ.

ކޮވިޑުގެ ވައިރަސް ކިތަންމެ ކުޑައެއް ކަމަކު އޭގެ ނުރައްކަލާއި އިމްޕެކްޓް ވަރަށް ބޮޑެވެ. އިންޓަނޭޝަަނަލް މަނަޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައިވާ ގޮތުގައި މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލާއާފާތަކީ އެ ޖަމިއްޔާގެ ތާރީހުގައި ކުރިމަތިވި މި ފަދަ އެންމެ ބޮޑު ކާރިސާ އެވެ. އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ކޮވިޑް-19 އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ދުއް އެންމެ ބޮޑު ގެއްލުމަށް ވާނެ އެވެ.

ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މިހާރުގެ ހާލަތުން ދުނިޔެ އަށް "ފުޑް ޝޯޓޭޖެއް" އަައުން ގާތެވެ.

އެތަށް މިލިއަން ހެކްޓަރެއްގެ ދަނޑުބިން އޮތް ގައުމުތައް ވެސް އޮތީ ލޮކްޑައުންގަ އެވެ. އެންމެ ގިނައިން ޓޮމާޓޯ އުފައްދާ، އިޓަލީ އޮތީ ކޮވިޑްގެ ބިރާ ހެދި "ޗިސްޗިސް" ވެފަ އެވެ. އެމެރިކާ ވެސް އޮތީ ހަމަ އެ ހާލަތުގަ އެވެ. މިއޮށް އިންޑިޔާ އުޅެނީ ލޮކްޑައުން ކޮށްގެން ވެސް ރައްޔިތުން މައިތިރި ނުވެގެންނެވެ. އޭގެ ނަތީޖާއަކީ ދަނޑުތަކުގައި ގޮވާން ކޮށްފަ ހުއްޓެއް ކަމަކު ދަނޑުތައް ބަލަހައްޓާނެ މީހުން ނެތުމެވެ. އެންމެން ތިބީ ހޯމް ކަރަންޓީންގަ އެވެ.

ދަނޑުތަކުގައި މިހާރު ހުރި ގޮވާން ކެނޑޭނެ ގޮތެއް ނެތެވެ. ކޮށިތަކުގައި ގެރިބަރި ބައިވަރު ތިއްބަސް އެ އެއްޗިއްސަށް ކާން ދެވޭނެ ގޮތެއް ނެތެވެ. މި ސަބަބާހުރެ ދަނޑުތައް ހިކި، ގެރި ބަޔަކިތައް މަރު ވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް މާހިރުން ވިދާޅުވެ އެވެ.

މި ފަދަ ހާލަތްތެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނީ ކޮވިޑް-19 އިގެ ބަލި މަޑުކަން މިހާރަށް ވުރެ ގޯސްވެއްޖެ ހާލަތެއްގަ އެވެ. އެހެންވެއްޖެނަމަ ލޮކްޑައުން މުއްދަތު ގައުމު ތަކުން ދަންމާލާނެ އެވެ. ނަތީޖާއަކަށް ވާނީ ދަނޑުވެރިންގެ މަސައްކަތް ނުކުންނަން ދަތިވުމެވެ. އެ ސިނާއަތުގެ ވިޔަފާރި ހަލާކު ވެގެން ދިއުމެވެ.

އެމެރިކަން ފާމް ބިއުރޯ ފެޑަރޭޝަންގެ ރައީސް ޒިޕީ ޑުއެލް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ އަށް މި ވަގުތު ބޭނުންވާ ވަރަށް ކާނާގެ ބާވަތައް އެބަހުއްޓެވެ. އެކަމަކު މިކަން ދިގުލައިގެން ހިނގައްޖެނަމަ ދަނޑުތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

"އެއްޗެއް އާއްމުންނާ ހަމަ އަށް އައުމުގެ ކުރިން އެތަށް ކަމެއް ކުރަން ޖެހޭ. އެ ޕްރޮސެސް ކުރަން ޖެހޭ. އެ އުފުލަން ޖެހޭ. މިކަމުގައި [ކޮވިޑް-19] ގައި ވާނީ ކިހާ ދުވަހެއް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެ،" ޒިޕީ ވިދާޅުވި އެވެ.

ދުނިޔެ އަށް ވަމުންދާ ގޮތް މިއޮތީ ފެންނާށެވެ. މިހާލަތު ބަލައި ދިވެހި ސަރުކާރުން މިހާރު އެ ވަނީ ދަނޑުވެރިކަން އިތުރު ކުރަން އިތުރު މަސައްކަތް ތަކެއް ފަށާނެ ކަމަށް ބުނެފަ އެވެ. އޭގެ ފުރަތަމަ ފިޔަވަޅަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަންނަން ފެށުމެވެ. ސަރުކާރުގެ އެސްޓީީއޯ އިން މި މަސައްކަތް އަންނަ މަހު ފަށާނެ އެވެ. މިއީ ދަނޑުވެރިކަން ފުޅާ ކުރަން އާ ހިތްވަރަކަށް ވާނެ އެވެ. މިހާރު ކުރަން ޖެހޭ މަސައްކަތަކީ މި ކަން ރަނގަޅު ގޮތުގައި ކުރި އަށް ގެންދިއުމެވެ.

ދިވެހިންނަށް ކެވޭ ވަރަށް އެއްޗިހި ހެއްދެން ޖެހެ އެވެ. މިއަދު ޓެކްނޮލޮޖީ ނެތީއެއް ނޫނެވެ. ގަހު ކާނާއަކީ ރާއްޖެ އިން ލިބޭ އެއްޗެކެވެ. ރާއްޖޭގެ އިކޮނޮމީ ކޮވިޑަޑް ފަހު އަލުން ހިނގައިގަންނާއިރު މި ދާއިރާ ފުޅާވާން ޖެހެ އެވެ. ކަމަކުން އިބުރަތް ހާސިލް ކުރުމަކީމި އެވެ.