ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

96 ވަނަ މީހާއަށް ނުވާން ގެއަށް ވަދޭ!

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގައި އިއްޔެއިން ފެށިގެން ވަނީ ވަކި ގަޑިތަކަކަށް ކާފިއު އިއުލާން ކޮށްފަ އެވެ. އާއްމު ސިއްހީ ނުރައްކަލުގެ ހާލަތު ވަރުގަދަ ކުރުމުގެ ގޮތުން ހަވީރު 5:00 އިން ރޭގަނޑު 8:00 އާ ހަމައަށް ކޮންމެ ދުވަހަކު އޮންނާނީ ކާފިއު އެވެ.

އިއްޔެ މުޅި ގްރޭޓާ މާލެ ހަމަ ހިމޭން ކޮށްލައި ހިމޭން ތިން ގަޑިއިރުގެ ވަގުތުތަކެއް ދިޔަ އެވެ. އިއްޔެ ސީދާ 4:59 ގައި ގެޔަށް ވަން މީހުންވެސް އުޅެ އެވެ. އެކަމަކު ވެސް އޭގެ ތެރެއިން 95 މީހަކު އެ އެންގުމާ ހިލާފުވެ ބޭރުގައި އިއްޔެ އުޅުނެވެ. އިއްޔެގެ އެ ތިން ގަޑިއިރުގެ ތެރޭގައި 13 ބިދޭސީއަކާއި 82 ދިވެހިންނަށް "ގެއަށް ނުވަދެވިގެން" ކާފިއުއައަށް އަމަލެއް ނުކުރެވުނެވެ. މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އެ އެންމެންނަށް ނަސޭހަތް ދިނުމަށްފަހު ގެއަށް ފޮނުވާލީ އެވެ. މުއްދަތެއް ނެތް ގޮތަށް އޮތުމުން މިއަދުވެސް ކާފިއު އިއުލާން ކުރާނެ އެވެ. އެހެންވީމާ މިއަދު ދެން 96 ވަނަ މީހާއަށް ވާން ކާފިއު ގަޑީގައި ބޭރުގައި އުޅޭނީ ހެއްޔެވެ؟

ކާފިއުގެ ވަގުތު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ވަކި ހުއްދަތަކެއް އޮތް ވަކި ބަޔަކަށެވެ. އާންމުން މަގުތަކަށް ނުކުތުން އެ ތިން ގަޑިއިރަށް މަނާ ވާނެ އެވެ. އެ ވަގުތުތަކުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ އެވެ. އެއްހާސް ރުފިޔާ އިން ޖޫރިމަނާ ކުރާ އިރު، މި ދުވަސްވަރު އެ ފައިސާ ދައްކަން މަޖުބޫރު ކުރުވާނީ އަމިއްލަ އަށެވެ. ވީމާ ކާފިއުގެ ވަގުތުގައި ތިން ގަޑި އިރަށް ގޭގައި މަޑުކޮށްލައި ނަފުސަށް ނޫނީ އާއިލާއަށް ފައިދާ ހުރި ކަމެއް ކަމެއް ކޮށްލާށެވެ. އެ ތިން ގަޑި އިރު ވަންދެން ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުންނާށެވެ.

ކުއްލި ހާލަތެއް ދިމާވެގެން ތަނަކަށް ދާން ޖެހުނަސް އެފަދަ ކަމަކަށްވެސް ސަމާލުވެ ތިބުން ބުއްދިވެރި އެވެ.

ގެއަށް ބޭނުންވާ އެއްޗެއް ގަންނަން ޖެހޭނަމަ ކުރިން އެކަން ކުރާށެވެ. ގެއިން ބޭރުގައި ހުރި ނަމަ ބައިގަޑި އިރުގެ ކުރިން ގެއަށް ވަންނަން ނިންމާށެވެ. ދެ މިނެޓަށް ވުުމުން ގެއަށް ވަންނަން މާލޭ އެއްކޮޅުން އަނެއް ކޮޅަށް ދުއްވާފައި ނާދެވިދާނެ އެެވެ. އަދި، ހުޅުމާލޭގައި ނުވަތަ ވިލިމާލޭގައި އުޅޭ މީހެއް ނަމަ މިކަމަށް ސަމާލު ވާން ޖެހެ އެވެ. އިއްޔެއަކީ ކާފިއު ހިންގި ފުރަތަމަ ދުވަހަށް ވުމުން ބްރިޖު މަތިންވެސް ބަޔަކު ހިފަހައްޓަން ޖެހުނެވެ.

އިއްޔެގެ ކާފިއު ގަޑީގައި މުޅި މާލެ ހިމޭން ކޮށްލި އިރު އެއީ ތިން ގަޑި އިރުގެ ވަގުތެކެވެ. މާލޭގެ މަގުތައް މަތީން ދުއްވާ އެއްޗެއްސިއްސާއި މީހުން ހުސްވި އެވެ. އަދި އިރުއޮސޭން ދިޔައިރު ވެރިރަށް މާލެ ފެނުނީ ހިމޭންކަން ވެރިފައިވާ ފަޅު ކޮންކްރީޓް ރަށެއްގެ ގޮތުގަ އެވެ. މި ތިން ގަޑި އިރު އިތުރު ކުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ސަރުކާރުން މިިހާރު ވަނީ އަންގާފަ އެވެ. އެކަމަށްވެސް ތައްޔާރަށް ތިބޭށެވެ. އިއްޔެގެ ތަޖުރިބާއަށް ބަލައި 96 ވަނަ މީހާ އަށް ނުވާން މިއަދު ގޭގައި މަޑު ކުރާށެވެ.