ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހަރަކާތްތެރި ވަމުންދަނީ ތަހުގީގުގެ ބޭނުމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.
ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް ބަލީގެ އަލާމާތްތައް ހުރި ކަމަށާއި އެކަން ރިޕޯޓުކޮށްފައި ނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައި ވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ބަޔަކު އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.
ފުލުހުން މިރޭ ބުނީ ބުނީ ފުލުހުންގެ ޓީމެއް މިހާރު ކުރެއްދޫގައި ހަރަކާތްތެރި ވަނީ ތަހުގީގުގެ ބޭނުމަށް ކަމަށާ ފުލުހުން އެ ރިސޯޓަށް ގޮސްފައިވަނީ އެޗްޕީއޭގެ ހުއްދައާއެކު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރާ ސީޕްލޭނެއްގައި ކަމަށެވެ.
ކުރެއްދޫއަކީ ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ މޮނިޓަރިން ގެ ދަށުގައި އޮތުމަށްފަހު މިހާރު ހުޅުވާލާފައިވާ ރިސޯޓެކެވެ. އަދި ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައިގެނެވެ.
ކުރެއްދޫ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާ ކޮށްފަ އެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައަށް ތިން ޕްރޮސެކިއުޓަރުން ވެސް ވަނީ ހާއްސަކޮށްފަ އެވެ. އަދި ފުލުހުންނާއެކު ޕްރޮސެކިއުޓަރުން ވެސް ތިބީ ކުރެއްދޫގަ އެވެ.
މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ކުރެއްދޫ މައްސަލަ ވަކި ކޮޅެއްގައި ޖެހެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.