މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރުކުރި ދެ ދިވެހިން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލާދީގެން ދެ ދިވެހިން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ މީހަކާ، 38 އަހަރުގެ މީހެކެވެ.

މި ދެ މީހުން އެ ބިދޭސީ މީހާއަށް ހަމަލާދީ އޭނާގެ ނޭފަތްމަތި ފަޅާލާ، ވާތު ލޯކައިރިވެސް ވަނީ ފަޅާލާފައެވެ. އެެއީ 28 އަަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ހައްްޔަރުކުރި 48 އަހަރު މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަކަށް ފެންދޭން އުޅުމުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ މެޝިންތަކަށް ފެންބުރާތީ އެ ވާހަކަ ބަންގްލަދޭޝް މީހާ ބުނުމުން އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރޭން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން އިންނަމާދޫ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށާ އެ މީހުން ދޫކޮށްލާފައިވަނީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކާއި، ޑޮކްޓަރުގެ ލިޔެކިޔުމާއި، މަންޒަރު ދުށް މީހުންގެ ބަޔާންވެސް ހުށައަޅާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.