ހަބަރު

ބިދޭސީ މީހާއަށް ހަމަލާދިން ދެ މީހުންގެ މުއްދަތު ޖަހައިފި

ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދިން ދެ މީހަކު ކޯޓުން ދޫކޮށްލި މައްސަލަ އަލުން ރިވިއު ކުރުމަށްފަހު އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް އިންމާދޫ ކޯޓުން ޖަހައިފި އެވެ.

އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް ގައިގައި އެ ރަށު ދެ މީހަކުވެގެން ތަޅައި މާރާމާރީ ހިންގާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން އެދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިންނަމާދޫ ކޯޓަށް ގެންދިޔުމުން އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ ކޯޓުން އެ ދެމީހުން ދޫކޮށްލި މައްސަލަ އިއްޔެ އަލުން ރިވިއު ކުރުމަށްފަހު އެމީހުންގެ ހައްޔަރު ކުރުމަށް އަލުން ކޯޓި އަމުރެއް ނެރެދިން ކަމަށާއި މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ބަންދަށް ހަތް ދުވަސް މިހާރު ޖަހާފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިންނަމާދޫ ކޯޓުން މި މައްސަލަ ރިވިއު ކޮށްފައިވާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ، ފުލުހުން ހެކި ހުށަހަޅާފައިވަނިކޮށް އިންނަމާދޫ ކޯޓުން މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މާރާ މާރީ ހިނގާފައިވަނީ 48 އަހަރުގެ ފިރިހެން މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް ފެންދޭން އުޅުމުގެ ތެރޭގައި ބިދޭސީ މީހާ މަސައްކަތްކުރުމަށް ގެންގުޅޭ މެޝިންތަކަށް ފެންދިޔުމުން، ބަލައިގެން ފެން ޖަހަން އެ ބިދޭސީ މީހާ އެދުމުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނިގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މާރާމާރީގައި އެމީހާގެ ނޭފަތާއި ލޯކައިރި ފަޅާއިގެން ގޮސް މޫނު ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.