ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

ރިސޯޓު ބަންދު އެކަމަކު މުވައްޒަފުން ބިޒީ!

ރާއްޖޭގެ އާއްމު މަސައްކަތްތެރިންނާ ރިސޯޓު މުވައްޒަފުންގެ ދިރިއުޅުން ވަރަށް ތަފާތެވެ. ކޮންމެ ދުވަހަކު މަސައްކަތް ފަށަން ފަތިހާ ތެދުވެ އެވެ. ހޭލާ ގޮތަށް ޔުނީފޯމު ލައިގެން ގޮސް، ކެންޓީނުން ސައި ބޮއިގެން ދާނީ މަސައްކަތެވެ. ކައްކާއިން ދާނީ ބަދިގެ އަށެވެ. ވޭޓަރުން ދާނީ ރެސްޓޯރެންޓަށެވެ. ރޫމް އެޓެންޑެންޓުންގެ ޒިންމާއަކީ އެނދުތައް ރީތި ކުރުމާއި ކޮޓަރީގެ ސާފު ތާހިރުކަން ޔަގީން ކުރުމެވެ. މޫދު ކުޅިވަރާއި ޑައިވިންސް އިންސްޓްރަކްޓަރުން ޓޫރިސްޓުންނާއެކު މޫދަށް އެރޭނެ އެވެ.

އާއްމުކޮށް ގިނަ ރިސޯޓުތަކުގައި ރަސްމީ މަސައްކަތް ވަރަށް ފަތިހާ ފެށިގެންދާނެ އެވެ. އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ހިތް ދަތިކަމާއި ނުތަނަވަސްކަން "ފޮރުވައިގެން" ނަމަވެސް ނުކުންނާނީ ހިދުމަތް ކުރާށެވެ. އެކަމަކު ކޮވިޑް-19 އިގެ ރޯގާއާއެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމާއެކު އެ މަސައްކަތްތެރިންގެ ދިރިއުޅުން ބަދަލުވެއްޖެ އެވެ.

ރިސޯޓުން ޓޫރިސްޓުން ފައިބައިގެން ދިޔަ ނަމަވެސް، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމުން ރިސޯޓު ތަކުގެ މުވައްޒަފުން، އެ މީހުންގެ އަމިއްލަ ރަށަށް މިވަގުތު ދެވޭކަށް ނެތެވެ. ގިނަ ރިސޯޓުތައް "ރަށު ބަންދު" ގައި އެ މީހުން ތިބި ނަމަވެސް، އެ މީހުން ފެންނަނީ މުޅިން ތަފާތު ބައެއްގެ ގޮތުގަ އެވެ.

ބައެއް ރިސޯޓު ތަކުން މުވައްޒަފުންނަށް ލިބޭ އިނާޔަތުގެ ބޮޑު ބައެއް އުނިކުރި ނަމަވެސް އެ މީހުންގެ ހިދުމަތަށް ހުއްޓުމެއް ނާދެ އެވެ. އެކަމަކު މިހާރު އެ މީހުންގެ މަސައްކަތް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ކުރިން ކުރި މަސައްކަތްތަކާ މުޅިން ތަފާތު މަސައްކަތް ތަކެއް ކުރާ ބައެއްގެ ގޮތުގަ އެވެ. ރިސޯޓު ބަންދު ކުރި ނަމަވެސް އެމީހުން ފެންނަނީ އަދިވެސް ބިޒީ ކޮށެވެ.

މިހާރު ކުރަނީ މުޅިން އެހެން ކަމެއް!

ވޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން މިހާރު ރިސޯޓުގައި ކުނި ކަހަނީ އެވެ. މާކެޓިން އާއި ސޭލްސްގައި އުޅުނު މުވައްޒަފުން ބުކިންތައް ކެންސަލްވުމުން އެކަން ހަނދާން ނައްތާލައި ފަންގި ވިންނަނީ އެވެ. ރިސޯޓުތަކުގެ ބައެއް ޖެނެރަލް މެނޭޖަރުން މިހާރު ކުރާ ކަމަކީ ބަގީޗާ ބެލެހެއްޓުމެވެ. ކޮންމެ ދުވަހަކު ދެ އިރު ގަހަށް ފެން ދޭއިރު ބައެއް މީހުން ވަޑާން ކުރެ އެވެ.

ކޮވިޑް-19 ވައިރަސްގެ ސަބަބުން ރިސޯޓުތައް ލޮކްޑައުން ވީއިރު، ބައެއް ރިސޯޓު އޯނަރުން ތިބީ ވެސް ރިސޯޓުގަ އެވެ. މިހާރު އެ މީހުން ދަނީ މުވައްޒަފުން ގޮވައިގެން މަހަށާއި ޖެޓް ސްކީ ދުއްވާށެވެ. ނޫނީ މުވައްޒަފުންނާއެކު ސްނޯ ކްލިން ކުރާށެވެ. ކުރީގައި މިއިން ދުވަހަކު "ބޮސް" އާ ބައްދަލު ނުވާ މުވައްޒަފާ ވެސް މިހާރު ދިމާވެއެވެ.

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ސީނިޔަ މަގާމެއް ފުރުއްވަމުން ގެންދާ މުވައްޒަފަކު ވިދާޅުވި ގޮތުގައި އެ މީހުންގެ އާއްމު މަސައްކަތް މިހާރު ނެތް ނަމަވެސް "ޓީމް ވޯކް" ގެއްލުނަ ނުދޭން ތަފާތު މަސައްކަތް ކުރަމުންދެ އެވެ.

"މިހާރު މި ކުރަނީ ކުރިން އޮޕަރޭޝަންގައި ހުރިއިރު ނުކުރެވި ހުންނަ މަސައްކަތްތައް. ރިސޯޓުގެ އޮޕަރޭޝަން މިހާރު އެއްކޮށް ހުއްޓިފައި އޮތަސް، މުވައްޒަފުންގެ ޓީމްވޯކް ދަށް ނުވާނެ ގޮތެއް ހަދަން ބައެއް މަސައްކަތްތައް ކުރަމުން މިދަނީ. ބައެއް ތަންތަން މަރާމާތު ކުރުން ފަދަ ކަންކަން ވެސް އެބަ ކުރަން،" އޭނާ ވިދާޅުވި އެވެ.

ރިސޯޓެއްގައި މާލެ ނާދެވި ހުރި އޯނަރަކު ވިދާޅުވި ގޮތުގައި ރިސޯޓު ލޮކްޑައުންގައި އޮތުމުން މިހާރު މުވައްޒަފުން ގޮވައިގެން މަހަށް ދިއުން ފަދަ ކަންކަން ކުރެވެ އެވެ.

"މިހާރު ކުރާކަމަކީ ކުޅުމާއި މަހަށް ދިއުން. ރިސޯޓު އޯނަރުން ވެސް މިހާރު މި ކުރަނީ މަސްވެރިކަން. މަސް ބާނައިގެން އައިސް މަސް ފިހުމާއި މި ކަހަލަ ކަންކަމުގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާލެ އަތޮޅުން ބަންދުކުރި ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި ގޮތުގައި ރަށުގައި ކޮށްލަން ހުރި މަސައްކަތްތައް ކުރުން ފިޔަވައި އިތުރު ކަމެއް މިހާރު ނޯވެ އެވެ.

"ކުދިކުދި މަސައްކަތްތައް ކޮށްލަނީ މިހާރު... ދެ ދުވަހެއްގެ ތެރޭގައި މުވައްޒަފުން ރަށަށް ދާން ހުއްދަ ވެސް ލިބޭނެ،"

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 17،000 ދިވެހިން މަސައްކަތް ކުރެ އެވެ. ޓޫރިޒަމް ދަށްވުމުން އެންމެ ބޮޑު ގެއްލުމެއްވާ ބަޔަކީ އެ މީހުންނެވެ. އެކަމަކު މި ހާލަތުގައި ވެސް އެމީހުން ފެންނަނީ ތަފާތު ބައެއްގެ ގޮތުގަ އެވެ. ހިދުމަތް ކުރުމުގަ އެވެ. ރިސޯޓު ބަންދު ކުރި ނަމަވެސް މަސައްކަތުގައި ދުލެއް ނުދެ އެވެ.