ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފި

Apr 9, 2020
2

ރާއްޖޭގެ ދެކުނު ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓް ކުރިއިރު، އެ ޑިވިޝަންގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ރަށްތަކެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖިންސީ ގޯނާ ކުރާ މައްސަލަތަކަށް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އޭގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުގެ ފަހުކޮޅާއި މި އަހަރުގެ ކުރީކޮޅު ފެންމަތިވެފައިވެ އެވެ. އޭގެ ތެރޭގައި ވަރަށް ޅަ އުމުރުގެ ތުއްތު ކުޑަކުދިންގެ ހިމެނެ އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ދާދި ފަހުން ވިދާޅުވި ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ މަހު އެފަދަ ގިނަ މައްސަލަތަކެއް ރިޕޯޓް ކުރި ނަމަވެސް މިދިޔަ މަހު އެފަދަ މައްސަލަތައް މަދު ކަމަށެވެ. އަދި އެފަދަ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓް ނުކޮށް ނުތިބުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.