ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަޒީފާއިން ވަކިކުރާ މީހުންގެ މައްސަލަ ބަލަނީ

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކި ކުރާ މީހުންގެ މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުމާ ގުޅިގެން ރާއްޖޭގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. ސަރުކާރާއި އަމިއްލަ އޮފީސްތައް ވެސް ބަންދުކޮށް ރިސޯޓުތަކުގެ މަސައްކަތްތައް ވެސް ހުއްޓިފަ އެވެ. މި ކަމާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކި ކުރާ މައްސަލަ ވަނީ އިތުރުވެފަ އެވެ.

އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުންދާ ކަމަށާއި މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑު ކުރުމަށް އަންގަމުންދާ ކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި، ލޭބާ ރިލޭޝަންސް އޮތޯރިޓީ އާ ގުޅިގެން އެ މައްސަލަތައް ބަލައި ޓޫރިޒަމް އާއި އިކޮނޮމިކް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނަނީ ރިސޯޓްތަކުގެ މުވައްޒަފުން ވަކި މުއްދަތެއް ނެތްގޮތަށް މުސާރަ ނުދީ ގޭގައި މަޑުކުރުމަށް އަންގާ މައްސަލަތަކާއި އަދި ވަޒީފާގެ ގާނޫނާއި ހިލާފަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރުވާ މައްސަލަތައް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތާއި ގުޅިގެން، ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މުވައްޒިފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން، ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.