ދ. ކުޑަހުވަދޫގައި އެކްސިޑެންޓެއް ހިންގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ކުޑަހުވަދޫ މެރިން ޑްރައިވުގައި ދުއްވާފައިދިޔަ ސައިކަލެއްގެ ކޮންޓްރޯލް ގެއްލި، އެ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މިއަދު ހެނދުނު އެ އެކްސިޑެންޓް ހިނގިއިރު ސައިކަލްގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެކެއްގެ ކަނާތުފައިގެ ކުޑަހުޅު ދުޅަވެ، ބޮލުން ތަންކޮޅެއް ފަޅައިގެން ގޮސް ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައި ވެއެވެ. ދެވަނަ މީހާ ހަށިގަނޑުން ވެސް ތަންތަންވެސް މަށައިގެން ގޮސް އަނިޔާވެފައި ވެއެވެ. މި ހާދިސާ ހިނގީ ހެނދުނު 7:00 ޖެހި ވަގުތު އެވެ.
ސައިކަލްގައި އޭރު ތިބި ދެ މީހުންނަކީ 18 އަހަރުގެ ދެ މީހުންނެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ޕާކްކޮށްފައި ހުރި ތިން ސައިކަލަކަށް ގެއްލުންވެފައި ވެއެވެ.