ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިސޯޓްތަކުގެ މުވައްޒަފުން އެ މީހުންގެ ރަށްރަށަށް

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓި ރިސޯޓުތައް ބަންދު ކުރުމަށްފަހު މުވައްޒަފުން ފައިބަން ހުއްދަ ލިބުމާއެކު، ގިނަ ރިސޯޓުތަކެއްގައި ތިބި މުވައްޒަފުން މީހުންގެ އަމިއްލަ ރަށްރަށަށް ފުރަން ފަށައިފި އެވެ.

އަވަސް އަށް ވާހަކަ ދެއްކި ބ. އަތޮޅު ރިސޯޓެއްގެ އިސް މުވައްފަކު ބުނި ގޮތުގައި އެ ރިސޯޓުން އެންމެ ފަހުގެ ޓޫރިސްޓު ފުރިތާ 14 ދުވަސް ވުމުން މިއަދު ރަށްރަށަށް މުވައްޒަފުން ފުރަން ފަށާފައިވާ ކަމަށެވެ.

"މިއަދާއި މާދަމާ އަދި 14 ވަނަ ދުވަހު ވެސް ބެޗެއް ފުރާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރިސޯޓުތަކުގެ އިތުރުން ބައެއް ސަފާރީތަކުގައި ތިބި މީހުން ވެސް ދަނީ ރަށަށް ފުރަން ތައްޔާރުވަމުންނެވެ. އެނގިފައިވާ ގޮތުގައި ޔުނިވާސަލް ފަދަ ބޮޑެތި ކުންފުނިތަކުން ރިސޯޓުތަކުގައި ތިބި މުވައްޒަފުން ރަށަށް ފޮނުވައި ދިނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އައްޑޫ އާއި ފުވައްމުލަކަށް ހާއްސަ ޗާޓަރު ފްލައިޓު ތަކެއް ޔުނިވާސަލް އިން ވަނީ ބާއްވަން ނިންމާފަ އެވެ. މަންޓާގެ މި ފްލައިޓުތަކުގައި ބާކީ ހުރި ޝީޓުތައް އެ އެއާލައިނުން ދަނީ އެހެން ރިސޯޓުތަކަށް ވެސް ވިއްކަމުންނެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު، މި ބަލި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން އޮތީ ހެލްޕް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފަ އެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށަކަށް ދިއުމުގެ ހުއްދަ ދެނީ އެ ތަނެއްގައި އެންމެ ފަހު ހުރި ޓޫރިސްޓު ފުރާތާ 14 ދުވަސް ފަހުން، ކޮވިޑް-19 އަށް ޝައްކުވާ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ގާތްގަނޑަކަށް 30،000 މީހުން މަސައްކަތް ކުރާއިރު، މީގެތެރޭގައި 17،000 ދިވެހިން ހިމެނެ އެވެ. ރިސޯޓުތަކުން މުވައްޒަފުން ރަށަށް ފުރާއިރު ބައެއް ރިސޯޓުތަކުން މުވައްޒަފުން ފޮނުވާލަނީ މުސާރަ ނުލިބޭ ގޮތަށެވެ. ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވާ ގޮތުގައި ނޯޕޭގައި ފޮނުވާލާ މީހުންގެ އަދަދު 11،000 އަށްވުރެ އިތުރެވެ.

ސަރުކާރުން ބުނެފައިވަނީ ނޯޕޭގައި ފޮނުވާލާ، މުވައްޒަފުންނަށް ތިން މަހަށް އެލަވަންސެއް ދޭނެ އެވެ. ނަމަވެސް އެލަވަންސުގެ ގޮތުގައި ދޭ އަދަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މި އަދަދު ކަނޑައެޅުމުގައި ރާއްޖޭގެ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން މަޝްވަރާ ކުރާ އަދަދުތަކަށް ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އޮން އެރައިވަލް ހުއްޓާލުމާއެކު، ގިނަ ރިސޯޓުތަކެއްގައި ތިބި ޓޫރިސްޓުން ވަނީ ޗުއްޓީ ހަމަކޮށް ފުރަން ފަށާފަ އެވެ. މިހާރު ރާއްޖޭގައި ތިބީ ގާތްގަނޑަކަށް 900 އެއްހާ ޓޫރިސްޓުންނެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުން ގައުމަށް ދެވޭނެ ގޮތެއް ނެތް މީހުންނާއި އަމިއްލައަށް އެދިގެން ޗުއްޓީގެ މުއްދަތު އިތުރުކޮށް "ލޯންގް ސްޓޭ" ނަގައިގެން ތިބ މީހުންނެވެ.