ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެމްކޯގެ ހިދުމަތްތައް މެދުކަނޑާލައިފި

ކޮވިޑް-19 އާ ގުޅިގެން މާލެ 24 ގަޑިއިރަށް ބަންދު ކުރުމާއެކު ވެމްކޯގެ ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެެޗްޕީއޭ އާއި އެންއީއޯސީގެ ލަފާގެ މަތިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ގޮތުން ، މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ލޮކްޑައުން މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ހިދުމަތްތައް ހުއްޓާލާފައިވާ ދަނޑިވަޅުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި، ދެ ކޮތަޅަށް ލުމަށްފަހު ރަނގަޅަށް ބަންދު ކުރުމަށް ވަނީ ވެމްކޯ އިން އިލްތިމާސް ކޮށްފަ އެވެ.

އިތުރަށް ބަޔާނުގައި ބުނީ، ހާލަތަށް ބެލުމަށްފަހު ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު ހިދުމަތަށް އަންނަ ބަދަލު ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ކޮވިޑްއަށް މާލެ އިން ޕޮސިޓިވްވި މީހެއް ފެނިފައިވަނީ މިއަދު އެވެ. ޕޮސިޓިވްވި ދިވެހި އަންހެން މީހާގެ ޓްރެވަލް ހިސްޓްރީ އެއް ނެތް އިރު މިހާރު ވަނީ އައިސޮލޭޝަން އަށް ގެންގޮސްފަ އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.