ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޒާރު: ލޮކްޑައުންއާ ހިލާފުވާނަމަ ކަރަންޓީނަށް

Apr 15, 2020
1

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ކުރިއަށް އޮތް 24 ގަޑިއިރަށް ލޮކްޑައުންކޮށްފައިވާއިރު، އެ ނިންމުމާ ހިލާފުވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، ކުރިން އިއުލާނުކުރި ކާފިއުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު މީހުނަށް ފިޔަވަޅު ނޭޅި ނަމަވެސް، މިފަހަރު ލޮކްޑައުންއާ ހިލާފުވާ މީހުނަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ.

އެގޮތުން، 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، 14 ދުވަހަށް ކަރަންޓީނު ފެސިލިޓީއަކަށް ގެންދިޔުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށް ނަވީން ވިދާޅުވި އެވެ.

"މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ. ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެ. މަގުމައްޗަށް ނުކުންނަ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ،" ނަވީން ވިދާޅުވި އެވެ.

ނަވީން އިތުރަށް ވިދާޅުވި ގޮތުގައި، ޒަރޫރީ ބޭނުންތަކަށް ކޮންމެހެން މަގު މައްޗަށް ނުކުންނަ މީހުން ދުރާލައި އަންގާނެ ހާއްސަ ފޯނު ނަންބަރެއް މިރޭ ފުލުހުން އާއްމުކުރާނެ ކަމަށެވެ. އަދި ގޭހާއި ފެނާއި ފަދަ ޒަރޫރީ ތަކެތި ޑެލިވަރީކޮށްދޭ ފަރާތްތަކަށްވެސް ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ކުރިން ހުއްދަ ދެވިފައިވާ ފަރާތްތަކަށް މިރޭ 7:00 އިން ފެށިގެން 12:00 އާ ހަމައަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ޑެލިވަރީ ކުރާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެކަމަށްވެސް ނަވީން ވިދާޅުވި އެވެ.

އޭގެ އިތުރުން، ޔުނީފޯމުގައި އެކިއެކި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާއަދާ ކުރާ ފަރާތްތައް ޑިޔުޓީއަށް ދިޔުމަށް އެ މުއައްސަސާތަކާ ވާހަކަ ދެއްކުމަށްފަހު ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން ތަންތަނަކަށް ނުދެވޭނެ ކަމަށާއި، ބޭރަށް ނުކުމެ އުޅެވޭނީ، މިހާރު ހުއްދަ އޮތް ފާސްތައް އޮތް ފަރާތްތައް ކަމަށެވެ.

"މިހާރު މިއީ ކުރާ ޓެސްޓެއް ނޫން. ކޮންމެ ތަނަކުން ވެސް ވިސްނަން ޖެހޭނެ މިހާރު މަދު މުވައްޒަފުންނާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ބައެއް ތަންތަނުން ކުރީ ފަހަރު ވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރި. އެކަމަށް ޖެހޭނީ އެޖެސްޓްވާން،" ނަވީން ވިދާޅުވި އެވެ.

އަދި ފުލުހުންގެ ނަންބަރަށް ގުޅައިގެން، މިހާރު އަތޮޅު ތެރެއިން މާލެއަށް ދަތުރު ފަށާފައިވާ އޮޑިދޯނި ފަހަރަށްވެސް މާލެއަށް ލެފުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމައިފަ އެވެ.

މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ޑައިރެކްޓް ކޮންޓެކްޓެއްވި ހުރިހާ މީހުން މިހާރު ވަނީ ދެނެގަނެފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.