ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހިދުމަތަށް ބަދަލު ގެނެސް ވެމްކޯގެ މަސައްކަތް މިއަދު ފަށަނީ

ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮސިޓިވް ވުމާ ގުޅިގެން ވެމްކޯގެ ހިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް، މިއަދުން ފަށައިގެން އަލުން އެ ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން، ވެމްކޯގެ ޖެނެރަލް މެނޭޖާ އޮޕަރޭޝަންސް އަހުމަދު ޝާފިއު ވިދާޅުވީ، މިއަދު މެންދުރުން ފަށައިގެން އެ ކުންފުނީގެ ހިދުމަތްތައް އަލުން ފަށާނެ ކަމަށެވެ. އެހެންނަަމަވެސް، އާއްމުން ސަަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށް، ކުނި ނެގުމުގެ ގަވައިދަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ.

އެގޮތުން، މީގެފަހުން ގޭބީސީތަކުން ކުނި ނަގާނީ ކޮންމެ އިމާރާތެއްގެ ގްރައުންޑް ފްލޯއިން ކަމަށާއި މަތީ ފްލޯތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ކުނި ކޮތަޅުތައް އެންމެ ތިރިއަށް ބާލަންޖެހޭނެ ކަމަށް ޝާފިއު ވަނީ ވިދާޅުވެފަ އެވެ. ކޮތަަޅުތައް ބޭލުމުގައި، ދެ ކޮތަޅަށް އަަޅާ ބަންދު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ވަދެ ނިކުތުން މަނާކޮށް އަައިސޮލޭޓް ކުރާ ގެއަކުންވެސް ކުނި ނެރެން ޖެހޭ ހާލަތުގައި ހާއްސަ ބަޔަކު އެކަމުގައި ހަރަކާތްތެރިވާނެ ކަމަށާއިި މާލޭގެ ހާލަތު އެންމެ ގޯސްވާ ވަގުތުގައިވެސް އެ ކުންފުނީގެ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކުނި ނަގަން ސަރަަހައްދުތަކަށް ދާން ނިންމާފައިވާ ގަޑިތައް މިއަދު އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި، ލޮކްޑައުންގައި ކުނި ނަގާއިރު މާލޭގެ ކޮންމެ ސަރަަހައްދެއްގައި ވެސް އަޑުގަދަ ކުރާ އިން އިއުލާން ކުރާނެ ކަމަށްވެސް ޝާފިއު ވަނީ ވިދާޅުވެފަ އެވެ.

މި ދުވަސްވަރު ގޭގެއިން ނެރޭ ކުނި މަދު ކުރުމަށް އެ ކުންފުނިން އިލްތިމާސް ކުރެ އެވެ. އަދި އެކަށީގެންވާ ގޮތުގައި ކުނި ބަންދު ކުރުމަށް ވަނީ އެދިފަ އެވެ.