މާލެ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައި ވަނިކޮށް މަގުމައްޗަށް ނިކުމެ އުޅުނު އެއްވެސް މީހަކަށް މިހާތަނަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓަންޑަންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ މާލެ ތެރޭގައި އުޅުނު މީހުންނާ މެދު ކުރިން އަމަލު ކުރި ގޮތައް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި އެންމެނަށް ވެސް ނަސޭހަތް ދިނުމަށް ފަހު ގެއަށް ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތައް ތިން ފަހަރު ނަސޭހަތް ދިނުމަށް ފަހު ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔަވަޅެއް ނާޅާ އަޅުގަނޑުމެން ނަސޭހަތްތެރިވަމުން މި ދިޔައީ ކުރިން އަމަލު ކުރި ގޮތައް އެއްވެސް ފަރާތެއް ފައިންއެއް ނުކުރޭ،" މުހައްމަދު ވިދާޅުވި އެވެ.
ފުލުހުން އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާއިރު މާލެއިން ކޮވިޑް-19 ފެނިގެން ފުލުހުން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ މީގެ ފަހުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ޕްރެކްޓިސް ރައުންޑް ނިމުނީ ކަމަށާއި މަގުމަތީ އުޅޭ މީހަކު ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އެއްވެސް މީހަކަށް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާއިރު މާލޭ މަގުމަތީ މިއަދު ހިނގާފައި ވަރަށް ގިނަ ބަޔަކު އުޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަަންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ލޮކްޑައުންގެ މުއްދަތު މާދަމާ ހަވީރާ ހަމަޔަށް ދަމަހައްޓައިފަ އެވެ.