ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް މިނެޓްތެރޭ 74 މީހުން ހައްޔަރުކޮށްފި

މިރޭ 20:30 އިން ފެށިގެން ބޭރުގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ދީފައިވާ އިންޒާރާ އެއްގޮތަށް މަގުމަތީގައި އުޅޭ މީހުން ހައްޔަރުކުރަން ފަށައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިރޭ 20:30 ފެށިގެން 20:37 ގެ ނިޔަލަށް 74 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 20:30 ފެށިގެން މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުންގެ ޓްވީޓްގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ވަނީ އެދިފައެވެ.

މީގެ ކުރިން ފުލުހުން ވަނީ މަގުމަތީ އުޅޭ މީހުން 14 ދުވަހު ކަރަންޓީނަށް ގެންދާނެ ކަމަށްވެސް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން މަބުރޫކް ވިދާޅުވީ މަގުމަތީ އުޅެގެން ހައްޔަރުކުރި މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާ އެ މީހުންނާމެދު އަމަލު ކުރެވޭ ގޮތް ފަހުން ހާމަކުރާނެ ކަމަށެވެ.

މާލެ، 14 ދުވަހަށް ލޮކްޑައުން ކޮށްފައިވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ. އެގޮތުން މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ވަގުތުން މާލެ ވަނީ ލޮކްޑައުން ކޮށްފައެެވެ. އެ ފަހަރު މާލެ ލޮކްޑައުން ކުރީ 24 ގަޑިއިރުގެ މުއްދަތަށެވެ. ނަމަވެސް އިތުރު ބަޔަކު އެބައްޔަށް ޕޮޒިޓިވްވުމުން އިތުރު 24 ގަޑިއިރަށް ލޮކްޑައުން ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ކާބޯތަކެތި ގަތުމަށް ގިނަ ބަޔަކު އިއްޔެ ވަނީ މަގުތަކަށް ނިކުމެފައެވެ.

އާންމުންގެ ދަތިތަކަށް ހައްލު ހޯދާދިނުމަށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ ފުރުސަތުދީ، އާންމުންނަށް ފިހާރަތަކަށް ގޮސް ތަކެތި ގަނެވޭނެ އިންތިޒާމްވެސް ކަމާބެހޭ އިދާރާތަކުން ހަމަޖައްސައިދިނެވެ.

ނަމަވެސް މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާތީ ލޮކްޑައުންގެ މުއްދަތު މިހާރު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ. އަދި ކޮވިޑްގެ ނުރައްކާ ބޮޑުވަމުންދާއިރުވެސް ގިނަ ބަޔަކު މަގުމަތީގައި އުޅެމުންދާތީ ސިއްހީ މާހިރުންނާ ކަމާބެހޭ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި މިވަނީ އެކަންބޮޑުވުންތައް ބޮޑުވެފައިވަނިކޮށެވެ. މީގެ ކުރިން މާލޭގައި ކާފިއު ހިންގި ވަގުތުތަކުގައިވެސް ފުލުހުން ވަނީ އާންމުންނަށް ވަރަށް ބޮޑަށް ދޫދީފައެވެ. އަދި ގޭގައި ތިބެން އެތައް ފަހަރެއްގެ މަތިން ވަނީ ނަސޭހަތްދީފައެވެ.