ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެ ޔުނިވާސިޓީގައި އޮންލައިންކޮށް ކިޔަވައިދިނުން ހުއްޓާލައިފި: މިނިސްޓަރު

ސަރުކާރުން ހިންގަމުންދާ ދެ ޔުނިވާސިޓީ ކަމަށްވާ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި އޮންލައިންކޮށް ކިޔަވައިދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ލޮކްޑައުން މިއަދު ވަނީ 14 ދުވަހަށް އިތުރުކޮށްފަ އެވެ. އެއާއެކު ސްކޫލްތަކުގެ ޓެލެކްލާސްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދެ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަކަށްފަހު އައިޔޫއެމްއިން ވަނީ ދެ ހަފުތާއަށް ކްލާސްތައް މެދުކަނޑާލުމަށް ނިންމާފަ ކަމަށެވެ. އަދި އެމްއެންޔޫއިން ވެސް ވަނީ އޮންލައިން ކްލާސްތައް މެދުކަނޑާލާފައި ކަމަށެވެ.

"ސަރުކާރު ދެ ޔުނިވާސިޓީއިން މި ވަގުތުގެ ހާލަތަށް ބަލައި މި ވަގުތަށް ވަނީ ކިޔަވައިދިނުން ހުއްޓާލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް މިރޭ ވެސް އައިޔޫއެމްގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި، މާދަމާއަށް ވެސް އޮންލައިން ކްލާސްތައް ތާވަލުކޮށްފައިވެ އެވެ. އޮންލައިން ކްލާސްތައް މެދުކަނޑާލުމަށް ގިނަ ދަރިވަރުންނާއި ޓީޗަރުން ވެސް ވަނީ ޔުނިވާސިޓީގައި އެދެމުންނެވެ. އެހެންނަމަވެސް ކިޔެވުން ހުއްޓާލާފައިވާކަން މިހާތަނަށް ދަރިވަރުންނަށް އައިޔޫއެމްއިން އަންގާފައެއް ނުވެ އެވެ.

ލޮކްޑައުން މުއްދަތުގައި އޮންލައިން ކްލާސްތައް ކުރިއަށް ގެންދާތީ ދަރިވަރުންނާއި ޓީޗަރުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވަގުތު ހާލަތު ހުރި ގޮތުން ކިޔެވުމަށް ނަފްސާނީ ގޮތުން ހާލަތު ތަން ނުދިނުމެވެ. އަދި، ގިނަ ދުވަސްތަކަށް އޮންލައިންކޮށް ކިޔެވުމަށް އިންޓަނެޓް ހަމަޖެއްސުމަށް ވެސް ގިނަ ދަރިވަރުންނަށް ވަނީ އުނދަގޫވެފަ އެވެ.

މީގެއިތުރުން ޔުނިވާސިޓީތަކުގައި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިން އަދި ނަރުހުން ފާހަގަކޮށްލެވެ އެވެ. މި ދަރިވަރުންނަށް މި ދުވަސްވަރު މަސައްކަތް ހުރި ގޮތުން ކްލާސްތަކުގައި ބައިވެރިވާން ވަނީ އުނދަގޫވެފަ އެވެ.