ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެއިން ރަށްރަށް ދިޔަ މީހުން އެކެހެރިވާން އަންގައިފި

މާލެ ސަރަަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިރޭ ނެރުނު އެންގުމުގައި ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ނަމަ، އެމީހަކު ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ދިރިއުޅޭ ތަނުގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރިވުމަށް އަންގާ ކަމަށެވެ.

މމުދާ ބަލައި މާލެ އައި އޮޑިއެއްގައި ނުވަތަ އެނޫން ވެސް އުޅަނދެއްގެ މީހެއް ކަމަށްވިޔަސް އެމީހަކު މާލެ ތެރެއަށް އެރި ކަމުގައިވާނަމަ، މި އެންގުމާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ. މި އެންގުމާ އެއްގޮތަށް މީހުން އަމަލު ކުރެވޭތޯ ބެލުމުގެ ޒިންމާ ވަނީ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

މި މަހުގެ 15 ވަނަ ދުވަހަކީ މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުނު ދުވަހެވެ. އެ ދުވަހު މާލެ ލޮކްޑައުން ކުރިއިރު އޭގެ ކުރިން ގިނަ އަދަދެއްގެ މީހުން ރަށްރަށަށް ފުރައިގެން ދިޔަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކާއި ސަފާރީތަކުން މީހުން ހިމެނެ އެވެ.

އެޗްޕީއޭއިން މިހާރު ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް ލޮކްޑައުން ވެސް ކޮށްފަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު މިއަދު އެކަނި ވެސް މާލެއިން ވަނީ ޕޮޒިޓިވް ހަތް މީހަކު ފެނިފަ އެވެ. މިއާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް އަރަ އެވެ. އޭގެ ތެރޭގައި މާބަނޑު މީހަކާއި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.