ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފުލުހުން ދެން ނަސޭހަތެއް ނުދޭނެ ކުރާނީ ޖޫރިމަނާ

Apr 19, 2020
4

ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ލޮކްޑައުން ކާއިފުއުގެ އުސޫލުތަކާ ހިލާފަށް މާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅޭ މީހުނަށް މިރެއިން ފެށިގެން ނަސޭހަތާއި އިންޒާރު ދިނުން ހުއްޓާލައި އެ ފަރާތްތައް ވަގުތުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.

ފުލުހުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ފުލުސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވީ މިދިއަ ހުކުރު ދުވަހުގެ ރެއިން ފެށިގެން މި އޮތް ލޮކްޑައުން ކާފިއުއާ ހިލާފުވާ މީހުނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިން ނަމަވެސް ހާލަތަށް ބަލައި ގިނަ ބައަކަށް ފުލުހުން ދެމުން ގެންދިޔައީ ނަސޭހަތާއި އިންޒާރެއް ކަމަށެވެ.

"މި ޕްރެސް ކޮންފަރެންސަށް ފަހު، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރަން ފަށާނެ. ފުލުހުން ދެން ނަސޭހަތެއް ނުދޭނެ. ހުއްދަ އޮތަސް، ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭ ނަމަ އެކަކު ވެސް މީގައި އިސްތިސްނާއެއް ނުވާނެ،" ރެއާ ހަމައަށް ވެސް 39 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފައިރޫޝް ވިދާޅުވި އެވެ.

ލޮކްޑައުންގައިގައި ގަވައިދާ ހިލާފަށް މަގަށް ނުކުންނަ މީހުނާއި އުސޫލުތަކާ ހިލާފުވާ މީހުން ފުރަތަމަ ޖޫރިމަނާ ކުރަނީ 1000 ރުފިޔާ އިންނެވެ.

މި ޕްރެސް ކޮންފަރެންސަށް ފަހު، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރަން ފަށާނެ. ފުލުހުން ދެން ނަސޭހަތެއް ނުދޭނެ. ހުއްދަ އޮތަސް، ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭ ނަމަ އެކަކު ވެސް މީގައި އިސްތިސްނާއެއް ނުވާނެ،
އަބްދުﷲ ފައިރޫޝް | އެސިސްޓެންޓް ފުލުސް ކޮމިޝަނަރު

މިރޭގެ އެ ބައްދަލުވުމުގައި ފުލުހުން ވަނީ، ގޭބީސީތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމަށް ހުއްދަ ދޭން ނިންމުމާ ގުޅޭ ބައެއް އުސޫލުތައް ވެސް ހިއްސާކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ނުކުންނަން ޖެހޭ މީހުން ތިބޭތީ އާއިލާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކައި ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދޫކުރަން ނިންމާފައިވާނެ އެވެ. އެގޮތުން އެ ފަރާތްތަކަށް ހުއްދަ ލިބޭނީ އެއް ގަޑިއިރަށް ވިޔަފާރި ކުރާށެވެ. އަދި ނުކުނެ އުޅެވޭނީ މާލޭގެ ވަކި ސަރަހައްދެއްގަ އެވެ. އެގޮތުން މާލެ 26 ސަރަހައްދަކަށް ބަހާފައި ވެއެވެ.

މިރޭގެ ބައްދަލުވުމުގައި ޑެޕިއުޓީ ފުލުސް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ފުލުހުން ދެން ހުއްދަ ދޭނީ ހަމައެކަނި ގޭބިސީއަށް ބޭނުންވާ ކާބޯތަކެތި ގަންނަންދާން އެންމެ މީހަކަށް ކަމަށެވެ.

"އެހެންވީމަ، މި ހުއްދައިގެ ދަށުންް އެހެން މީހަކު ގެންދާކަށް އަޅުގަނޑުމެން ހުއްދައެއް ނުދެން،" މަންނާނު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ހުއްދަ ދޫކުރުމަށް ފުލުހުން ފުރިހަމަ ޕޯޓަލެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ޕޯޓަލްގެ ދަށުން ހުއްދާ ދޫކުރާނީ އެއް ވަގުތެއްގައި އެއް ސަރަހައްދަކަށް މީހުން ގިނަ ނުވާގޮތަށް ކަމަށެވެ.