ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެހެން ކަންކަމަށް ބޭނުން ކުރާނަމަ ފާސް ބާތިލް ކުރަނީ

Apr 19, 2020
2

ކޮވިޑް-19 އާ ގުޅިގެން އެންއީއޯސީ އިން ދޫކޮށްފައިވާ ފާސްތައް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ކަންކަމުގައި ބޭނުން ހިފާނަމަ އެ ފާސްތައް ބާތިލް ކުރާނެ ކަމަށް ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިރޭ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަަންނާން ޔޫސުފް ވިދާޅުވީ އެންއީއޯސީ އިން ދޫކޮށްފައިވާ ފާސްތައް ހުއްދަ ދިން ކަންކަން ނޫން އެހެން ކަންކަން ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެގޮތުން، ފާސްތައް ދީފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުން ކުރާނަމަ އެމީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ފާސްތައް ބާތިލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފާހެއް ވަކި ކަމެއް ކުރަން މި ދޫކުރަނީ ވަރަށް މުހިއްމު ކަމަކަށް އެކަން ވެގެން، އެކަން އެންއީއޯސީގަ ތިއްބަވާ ބޭފުޅުންނަށް ނުވަތަ ފުލުހުންނަށް ގަބޫލު ކުރެވިގެން އެކަން ކުރުމަށް ވަކި ވަގުތަކަށް ވަކި ތަނަކަށް ދިއުމަށް. އެނޫން ބޭނުމެއްގައި މި ގޮތަށް ލިބޭ ފާސްތައް ބޭނުން ނުކުރުމަކީ އަޅުގަނޑުމެން އެދޭ ކަމެއް" މަންނާނު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ކޭސްތައް މާލެ އިން ފެނި، މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު މިހާތަނަށް 39 ފަރާތެއް ޖޫރިމަނާ ކޮށްފައި ވެއެވެ. އަދި މީގެ ފަހުން ލޮކްޑައުންގެ ވަގުތުގައި ހުއްދައަަކާ ނުލައިި ބޭރުގައި އުޅޭ ފަރާތްތަކަށް ނަސޭހަތް ދިނުމުގެ ބަދަލުގައި ވަގުތުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން މިރޭ ބުންޏެވެ. ޖޫރިމަނާއަށް ފުރަތަމަ ނަގަނީ 1000 ރުފިޔާ އެވެ.

ރާއްޖޭގައި އުޅޭ ބަންގްލްދޭޝްގެ 13 މީހަކު ކޮރޯނާ ވައިރަހަށް މިއަދު ވަނީ ޕޮސިޓިވް ވެފަ އެވެ. މި އަދަަދާއެކު މާލެއިން ކޮވިޑް އަށް ޕޮސިޓިވްވި މީހުންގެ އަދަދު 19 އަށް އަރާފައި ވެއެވެ. އެއީ 14 ދިވެހިންނާއި 15 ބިދޭސީންނެވެ.