ރާއްޖޭގައި ކޮވިޑް-19 އާ ބެހެ ގޮތުން ދޮގު ވާހަކަތައް ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ.
ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމުންގެ މެދުގައި ބިރުވެރިކަމާއި ޕެނިކް އުފެދޭ ގޮތަށް ރާއްޖޭގައި ކޮވިޑް-19 އާ ގުޅުވައި ދޮގު ވާހަކަ ފަތުރަމުންދާ ވަކިވަކި މީހުނާ މެދު ފުލުހުން ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޕަބްލިކްގައާއި ސޯޝަލް މީޑިއާގައި އެއްވެސް މީހަކަށް ފުރައްސާކޮށް ނުވަތަ މީހަކާ ގުޅޭ ގޮތުން ދޮގު ތުހުމަތުތަކާއި މައުލޫމާތުތައް ފަތުރާ މީހުނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމުގެ އިންޒާރު ހަމީދު ދެއްވި އެވެ.
"އެއްވެސް ރައްޔިތަކު މީހުންގެ މެދުގައި ބިރުވެރިކަމާއި ޕެނިކް އުފެދޭ ގޮތަަށް ދޮގު ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ނުހިންގުމަށް ވަރަށް ބޮޑަށް އެދެން،" ސީޕީ ހަމީދުގެ ޓްވީޓްގައިވެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 60 މީހަކު ފެނިފައިވެ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ތޮއްޖެހިފައިވާ މާލެ ސަރަހައްދުން ވެސް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ.
މި ހާލަތުގައި ބައްޔަށް ޕޮޒިޓިވްވި މީހުނާއި އައިސޮލޭޓް ކުރާ މީހުނާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.