މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ބިދޭސީންއަކީ އިހުސާން ފިހާރަ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރެއިން ދެ މީހަކާއި ބަންގްލަދޭޝް މީހުންނެވެ. އަދި، ހަ މީހުންނަކީ ދިވެހިންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓް 59 އަދި ޕޭޝަންޓް 60 އަކީ އިހުސާން ފިހާރަ ކުންފުނީގައި މަސައްކަތް ކުރާ ދެ މީހުން ކަމަށެވެ. އެމީހުންނާ ކޮންޓެކްޓްވި މީހުން މިހާރު ފާހަގަ ކުރަމުންދާ ކަމަށެވެ. އިހުސާން ފިހާރައަކީ ގިނަ އަދަދެއްގެ މީހުންދާ އަދި ޑެލިވަރީ ވެސް ކުރާ ފިހާރައެކެވެ. އިހުސާާންގެ ދެ ފިހާރައެއް މާލޭގައި ހުރެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ދެ ބިދޭސީންއަކީ އިހުސާން ކުންފުނީގައި އުޅޭ ދެ މުވައްޒަފުން ކަމަށްވާތީ، އެ ފިހާރަތަކަށް ދިޔަ މީހުންގެ މައުލޫމާތު ހޯދުމަށް ބޭނުންވާ ހަލަތެއް އަތުވެއްޖަނަމަ، އެކަން އެޗްޕީއޭއިން އިއުލާން ކުރާނެ ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ (ޕޭޝަންޓް 53)އަކީ ބީއެމްއެޗްއެމްގައި މަސައްކަތް ކުރާ މީހެކެވެ. އެއީ ޑެލިވަރީގައި އުޅޭ މީހެކެވެ. ދެން ޕޮޒިޓިވްވި ދިވެހި މީހާ (ޕޭޝަންޓް 54)އަކީ ދިވެހި ވިއުގައި މަސައްކަތް ކުރާ މީހެކެވެ. ދެ މީހުންނަކީ ވެސް ފުލޫ ކުލިނިކަށް ދިޔަ ދެ މީހުންނެވެ.
ދެން މިއަދު ޕޮޒިޓިވްވި ދިވެހި މީހާ (ޕޭޝަންޓް 55)އަކީ ޕޭޝަންޓް 29އާ ގުޅުން އޮތް މީހެކެވެ. އޭނާ ޕޮޒިޓިވްވީއިރު ވެސް ހުރީ އައިސޮލޭޝަންގަ އެވެ. ޕޭޝަންޓް 56 އަކީ ޕޭޝަންޓް 34އާ ގުޅުން ހުރި ދިވެއްސެކެވެ. އޭނާ ވެސް ޕޮޒިޓިވްވިއިރު ހުރީ އައިސޮލޭޝަން ފެސިލިޓީގަ އެވެ. ޕޭޝަންޓް 57 އަކީ ޕޭޝަންޓް27އާ ސީދާ ކޮންޓެކްޓްވި ދިވެއްސެކެވެ. އޭނާ ވެސް އައިސޮލޭޝަން ފެސިލިޓީގަ އެވެ.
އެންމެ ފަހުން މިއަދު ޕޮޒިޓިވްވި ދިވެހި މީހާ (ޕޭޝަންޓް 58)އަކީ ފުލޫ ކްލިނިކަށް ދިޔަ މީހެކެވެ. އޭނާއާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕޮޒިޓިވްވި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މާލެއިން މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 14 ދިވެއްސަކާއި 15 ބަންގްލަދޭޝް މީހަކާއި ދެ އިންޑިއާ މީހުންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.
މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލިލީ ސްޓޯރާ ގުޅުން އޮތް ކްލަސްޓާއިންނެވެ. އެގޮތުން އެތަނުގެ ދިވެހި މުވައްޒަފަކާއި 13 ބިދޭސީ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމީހުން ގުޅުން އޮތް 68 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެމީހުންގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.
އެންމެ ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި އޮތީ، ކޮވިޑް-19އާ ގުޅިގެން ހާލަތު ދަށް ބިދޭސީން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހަމަޖެއްސި އަމީން ހިޔާ ކުއާޓާސްގައި ހުއްޓާ ޕޮޒިޓިވްވި މީހާގެ ކޭސް އެވެ. ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަނުގައި އޭނާއާ ކޮންޓެކްޓްވީ 200 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ތަން ވަނީ މޮނީޓަރިން ހާލަތުގަ އެވެ.
ރާއްޖޭގައި ކޮވިދް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.