ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގަނީ

ކާފިއު ހިންގާ ގޮތަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރުމަށް އެ ސިޓީގެ ކޮވިޑް-19 ޓާސްކު ފޯހުން ނިންމައިފި އެވެ. މި ލޮކްޑައުން ކުރަނީ ތިން ދުވަހަށެވެ.

ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ކުޅުދުއްފުށީ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ފުރަތަމަ ކާފިއު ހިންގާ ސިޓީއެވެ. އެހެން ނަމަވެސް އެ ރަށުގައި ކާފިއު ހިންގަން އެޗްޕީއޭއިން އަންގާފައެއް ނުވެ އެވެ.

ނަމަވެސް ހދ. އަތޮޅަށް ކޮވިޑް-19 ބަލީގެ ބިރު ބޮޑުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަން ކުރުމަށް އެ ސިޓީގެ ޓާސްކު ފޯހުން ނިންމީ އެވެ. ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، އެކަން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ހިއްސާ ކުރައްވާފައި ވެސް ވެއެވެ.

ލޮކްޑައުންކޮށް ކާފިއު ހިންގި ނަމަވެސް ވަކި ހާއްސަ ހުއްދަތަކާއެކު ބައެއް މީހުންނަށް ބޭރަށް ނުކުތުމުގެ ފުރުސަތު ދޭނެ އެވެ. އެގޮތުން ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޑެލިވަރީ ކޮށްދޭނެ އެވެ. މީގެ އިތުރުން ބޭރަށް ނުކުމެ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ. މި ކަމަށް އަމަލު ކުރަން ފަށަނީ މާދަމާ މެންދުރު 12:00 އިން ފެށިގެންނެވެ.

ކުޅުދުއްފުއްޓަކީ ސަރަހައްދުގެ ގިނަ ބަޔަކު ހޮސްޕިޓަލަށް ދެއްކުމަށް ވެސް ދާ ރަށެކެވެ. އެގޮތުން ދެން އެ ރަށަށް އަރައި ފޭބޭނީ ވަރަށް ހާއްސަ ހާލަތްތަކުގަ އެކަންޏެވެ. އެގޮތުން ތެލެސީމިއާ ކުދިން ލޭ އެޅުމަށާއި ޑަޔަލިސިސް ހެދުމަށް އަރައި ފޭބުމުގެ އިންތިޒާމް ހަމަޖައްސާނެ އެވެ.

ކުޅުދުއްފުށި ލޮކްޑައުންއަށް ގެންނައިރު މިހާރު ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މުޅި ރާއްޖެއަށް މަނާކޮށްފަ އެވެ. ނަމަވެސް މާލެ ސަރަހައްދު ފިޔަވައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 މާލެއިން ބޭރުން ފެނިފައިވަނީ ހއ. އުލިގަމުންނެވެ. އުލިގަމަށް މާލެއިން ދިޔަ މީހެއްގެ ފަރާތުން ކޮވިޑް ފެނިފައިވާއިރު އޭނާ ދަތުރުކުރީ ހއ. އިހަވަންދޫ ބޯޓެއްގަ އެވެ. އެ ބޯޓު، ހއ. އާއި ހދ.ގެ ގިނަ ރަށްތަކަށް މަޑުކޮށް މީހުން ބޭލި އެވެ. އެހެންވެ ގިނަ ރަށްތަކެއް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.