ރޯދަ މަހަކީ ރާއްޖޭގައި ހަރަދު ބޮޑު މަހެކެވެ. މުދާ ވިކޭ، ވިޔަފާރިވެރިން ނަށް ފައިދާ ހުރި މަހެކެވެ. އެހެންވެ ވިޔަފާރިވެރިން ތިބީ ދުރާލާ އެކަމަށް ތައްޔާރުވެ އެވެ. އެކަމަށް ބޭނުން ވާނެ މުދާ އެތެރެކޮށްގެންނެވެ. ނަމަވެސް މި އަހަރު އެހެން އަހަރުތަކާ ތަފާތެވެ. ރޯދަ މަހަށް ދެ ދުވަހެއް ވެފައިވާއިރު ކޮވިޑް-19 ގެ ބަލާ އާފާތުގެ ސަބަބުން ވިޔަފާރިވެރިންނަށް މާ ކުރިން މިވަނީ "ރޯދަ މަސް" ލައްވާލާފަ އެވެ. ކޮވިޑަށް މާލެ އިން ގިނަ ބަޔަކު ޕޮޒިޓިވްވުމާއެކު މާލެ ލޮކްޑައުން ކުރުމުން ގިނަ ބަޔަކު މުދާ ގަނެ، މިވަނީ ރައްކާ ކުރަން ފަށާފަ އެވެ. އެހެންވެ،
މިހާރު ވިޔަފާރިވެރިންގެ ކުރިމަތީ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދާ ހުސްވިޔަ ނުވީ ދިވެހިންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. ނަމަވެސް މިކަމުގައި ވިޔަފާރިވެރިންނަށް ގިނަ ހުރަސް ތަކެއް ދުނިޔޭގައި މިހާރު އެބަ ހުއްޓެވެ. ސަބަބަކީ ދުނިޔޭގެ އެކި ހިސާބު ތަކުން މުދާ ލިބެން ކުރިން އޮތް ފަސޭހަ ގޮތަށް ބަދަލު އައުމެވެ. ދުނިޔޭގެ ވަރުގަދަ ސަޕްލައި ޗެއިން އަށް ކޮވިޑް ރޯގާގެ ސަބަބުން ބުރޫ އަރަމުން ދިއުމެވެ. ދުނިޔެ އަށް މިހާރު އަންނަ ބަދަލާއެކު، ރާއްޖޭގެ ސަޕްލައި ޗޭނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
"އެސްޓީއޯ އިން ގެންނަ ބާވަތްތައް ރާއްޖޭގެ ސަޕްލައި ކުރުން ބަރާބަރަށް އެބަދޭ. މި މަހުގެ 23 ގައި ވެސް މުދާ ހިފައިގެން ބޯޓެއް އެބަ ވަދޭ. އަޅުގަނޑުމެން ދޭނެ ޔަގީން ކަމަކީ ބަރާބަރަށް ހުރިހާ ބާވަތް ތަކެއް ވެސް ހުސްނުވެ، ދިވެހިންނަށް ލިބޭނެކަން،" ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ، އެސްޓީއޯގެ މީޑިޔާ އޮފިޝަލް އަބްދުﷲ މުހައްމަދު އަވަސް އަށް ވިދާޅުވި އެވެ.
ބަނޑަށް ނުޖެހޭނެ، އެކަމަކު ދަތިވާނެ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ރާއްޖެ އަށް ބޭނުން ވާނެ އެންމެ އަސާސީ ބާވަތްތައް ހުސްވެ ލިބޭނެ ކަމާ، ރާއްޖެ ބަނޑަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ ހިތްހަމަ ޖެހުމެވެ. ދިވެހިންނަށް ފުދޭ ވަރަށް ކާޑު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. އެކަމަކު، މިހާރު ދުނިޔެ ދައްކާ ހަގީގަތަކީ ދުނިޔޭގެ ވަރު ގަދަ ސަޕްލައި ޗޭނަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމެވެ. މި ބަދަލު އަންނަން ދިމާވަނީ ކީއް ވެގެން ހެއްޔެވެ؟
މި ބޮޑު ލޮޅުން އަންނަން ދިމާވި އެއް ސަބަބަކީ ދުނިޔޭގެ އުފެއްދުންތެރި "ފެކްޓްރީ ސިޓީ" ތަކުގެ މަސައްކަތް ކޮވިޑް-19 އާ ގުޅިގެން ހުއްޓުމެވެ. އެ މީހުންގެ މަސައްކަތް ހުއްޓިފައިވުމާއެކު މުދާ އުފެއްދުން ވަނީ ގާތްގަނޑަކަށް ބުރަކި ޖެހިފަ އެވެ. އަދި ބައެއް ގައުމުތައް ހުޅުވަމުން ދިޔަ ނަމަވެސް މުދަލެއް ފުރިހަމަ ކުރަން އެހެން ގައުމު ތަކުން ގެންނަން ބޭނުންވާ ރޯމެޓީރިއަލް ލިބުމުގައި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން މުދާ އޮން ޓައިމް އަށް ޑެލިވަ ނުކުރެވުމުގެ މައްސަލަ ތަކެއް ކުރި އަށް އޮތްތަނުގައި ފެނުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މީގެ އިތުރުން ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް، ކޮވިޑް-19 ފެތުރުން މަދު ކުރަން ވިޔަފާރި ބަނދަރުތަގައި އަޅާފައިވާ ވަރު ގަދަ ސިއްހީ ފިޔަވަޅު ތަކެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ މާސިންގަހަ ކޮންޓެއިނާ އާގު ބޯޓު ފަހަރުތައް ހުރީ ބަނދަރުތަކުގައި ތާށިވެފަ އެވެ. އެ ބޯޓު ފަހަރުގައި އެތައް މިލިއަން ފަޅުވެރިންނެއް ތާށިވެފައި އެބަތިއްބެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ގެންދަން ހުރި އެތަށް ކޮންޓެއިނާތަކެއް އެއް ތަނަކަށް އޮތީ އެއްވެފަ އެވެ. މީގެ ނަތީޖާއަކީ ރާއްޖެ އަށް ބޭނުންވާ މުހިންމު ބައެއް މުދާ ކުރިއަށް އޮތްތަނުގައި އައުން ލަސްވުމުގެ ފުރުސަތު އޮތުމެވެ.
އިމްޕޯޓަރުނާއި ސަޕްލަޔަރުން، ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު އޮންޓައިމަށް ޑެލިވަ ކުރާނެ ކަމަށް ބުނިނަމަވެސް މިހާރު އެ ބޭފުޅުންގެ ބަސް ވެސް ބަދަލުކޮށްފި އެވެ. މިހާރުގެ ހަގީގަތަކީ ފުޑް ޗޭނަށް ލަސް ކަމެއް އައުމެވެ. ބައެއް މުދާ ރާއްޖެއާ ހަމައަށް ނައިސް މަސްތަކެއް ވުމުގެ ފުރުސަތު އޮތުމެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ ގެންނަ އެއް ކުންފުނި ކަމަށްވާ އޮންދި ގޯ ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު އާއްމުކޮށް ކާން ބޭނުން ކުރާ ބައެއް އެއްޗިހި ބާޒާރުން ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިއީ ރާއްޖޭގެ ސަޕްލައި ޗޭނުން ފެނިގެން ދާނެ ބޮޑު ބަދަލެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
"މުޅި ދުނިޔެ އަށް އަންނަ ކަމެއް ރާއްޖެ އިން ވެސް ފެނިގެން ދާނެ. މިހާރު ބެލެވޭ ގޮތުގައި ބާސްމަތީ ކާމީހުންނަށް ފަހަރުގައި ފަލަ ހަނޑޫ ކާން ޖެހި ދާނެ. ބައެއް ބާވަތްތައް ބާޒާރުން ނުލިބުން އެކަށީގެންވޭ،" ޖުނައިދު ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން، އޭނާ ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި އުފައްދާ ބައެއް ބާވަތްތައް ލިބުން މިހާރު ވެސް ދަތިވެފައިވާ ކަމަށެވެ. އަދި މިކަމުން ލުއިތަކެއް ހޯދެން އޮތީ ސިއްހީ މާހިރުންގެ ބަސް އަހައިގެން އެ މީހުން ބުނާ ފިޔަވަޅުތައް އެޅުމުގެ މައްޗަށް ބިނާވެފައި ކަމަށް ޖުނައިދު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ވިއްކާ، އެއްޗެއް އިންޑިއާގެ ނަމްބަރު ވަން އާޓާ ބްރޭންޑް 'އާޝިރުވާދު' އެވެސް މިހާރު އެ ގައުމުން ނުވިއްކާ. މީގެ ކޮންމެ ޕްރޮޑަކްޓެއް އުފައްދަން އެކި ކޮމްޕޯނެޓްތައް ހިމެނޭ. އެމީހުން ބުނަނީ އެ މީހުން ބޭނުންވާ ވަރަށް މިހާރު ނޫފެއްދޭ ކަމަށް. އެހެންވެ އެކްސްޕޯޓު ނުކުރެވެނީ. ސްރީލަންކާގައި އެބަހުރި މި ކުންފުނީގެ 15 ކޮންޓެއިނަރު ތާށިވެފަ. މިކަހަލަ ގިނަ ދަތިތަކެއް އެބަހުރި މިހާރު،" ޖުނައިދު ވިދާޅުވި އެވެ.
ބައެއް މުދާ ދުވަސް ކޮޅަކަށް ނުލިބި ދާނެ!
ސަޕްލައި ޗޭނަަށް އަންނަ ބަދަލާއެކު، ބައެއް ބާވަތްތަކުގެ މުދާ ދުވަސްކޮޅަކަށް ނަމަވެސް ރާއްޖޭގެ ބާޒާރުން "ގެއްލުމު" ގެ ފުރުސަތު އެބައޮތް ހެއްޔެވެ؟
ވިޔަފާރިވެރިން ބުނާ ގޮތުގައި މިހާރުގެ ޑިލޭތަކުގެ ސަބަބުން ބައެއް ބާވަތްތަކުގެ މުދާ ދުވަސް ކޮޅަކަށް ރާއްޖެ ނުގެނެވޭނެ ހާލަތެއް އަތުވެދާނެ އެވެ.
"ބައެއް ބާވަތްތަކުގެ މިލްކް އާއި މީޓްގެ ބާވަތްތައް ބާޒާރުން ވަގުތީ ގޮތުން ނަމަވެސް ގެއްލުމުގެ ފުރުސަތު އެބައޮތް. އެ ކަމަށް އެންމެން ވެސް ތިބެން ޖެހޭނީ ތައްޔާރު ވެގެން. މިއީ ސަޕްރައިޒް އަކަށް ވެގެން ނުވާނެ. މި ކަމަކީ ރާއްޖެ އަށް އެކަނި ދިމާވާނެ ކަމެއް ނޫން. މިކަން ދުނިޔޭގެ ގިނަ ގައުމު ތަކުން ތަޖުރިބާ ކުރާނެ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ވާހަކަތަކާއި ދުނިޔޭގެ ތަޖުރިބާ އިން އެނގެނީ ކުރިން "މީރުވި" ބައެއް ބާވަތްތައް ދުވަސްކޮޅަކަށް ނަމަވެސް ބާޒާރުން ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިހާރު ކުރަން ޖެހޭ ކަމަކީ އެ ކަމަށް ތައްޔާރުވުމެވެ. ދަރިންނަށް ހަމައެކަނި ޕާސްތާ އާއި ނޫޑުލްސް ކާން ދިނުމުގެ ބަދަލުގައި އެހެން ތަކެއްޗަށް އެ ކުދިން ހާނަންވީ އެވެ. ބަތް ވެސް އެ ކުދިންނަށް ކެވޭނެ އެއްޗެއްގެ ގޮތުގައި ހަދަންވީ އެވެ. ރޮށިވެސް ކެވޭނެކަން އަންގައި ދޭންވީ އެވެ.
ދުނިޔެ އިން ތަޖުރިބާ ކުރާ ކަމެއް ރާއްޖޭގެ "ގޮނޑުދޮށަ" ށް ކޮންމެ ވެސް ދުވަހަކުން ލައްގާނެ އެވެ. ކޮވިޑް-19 އަކީ ވެސް ހަމަ އެފަދަ އިބުރަތެކެވެ. މިގޮތަށް ކުރިއަށް އޮތްތަނުގައި ރާއްޖެގެ ސަޕްލައި ޗޭނަށް އަންނަ ދަތިތައް ތަހަމަލް ކުރަން ޖެހުމުގެ ފުރުސަތު އެބައޮތެވެ. ދުނިޔޭގެ ސަޕްލައި ޗޭނަށް އަންނަ ބަދަލެއްގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް ބެލުމަކީ މޮޔަ ކަމެކެވެ. މިހާރު ކުރަން ޖެހޭ ކަމަކީ އެ ކަމަށް ސިކުނޑި ރަނގަޅަށް ތައްޔާރުވެ ތިބުމެވެ. ރާއްޖޭގެ ސަޕްލައި ޗެއިނަށް ބޮޑު ބަދަލެއްގެ ކޮޅުމަތި މިހާރުވެސް ފެންނަން ފަށައިފި އެވެ. މިއަދު މުޅި ދުނިޔެ ދައްކާ ހަގީގަތަކީ މިއީ އެވެ.