ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އޭޓީއެމުން ޖަމާ ކުރެވޭ އަދަދު ފަސް ލައްކައަށް

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ތަކުން ވިޔަފާރި ތަކަށް ޖަމާ ކުރެވޭ ފައިސާގެ އަދަދު 500،000ރ. އަށް އިތުރު ކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާ ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އޭޓީއެމް ތަކުން ފައިސާ ޖަމާ ކުރެވޭ އަދަދު އިތުރު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވިޔަފާރި ތަކަށް 200،000ރ. ޖަމާ ކުރެވުނު ނަމަވެސް މި ބަދަލާއެކު މިހާރު 500،000ރ. ޖަމާ ކުރެވޭނެ އެވެ. އަދި އަމިއްލަ ފަރުދުންނަށް ކުރިން 50.000ރ. ޖަމާ ކުރެވުނު ނަމަވެސް މިހާރު 100،000ރ. ޖަމާ ކުރެވޭނެ އެވެ.

އެ ބޭންކުން ބުނީ އެންމެ އިސްކަން ދެނީ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށް ކަމަށާ، އެކަމަށްޓަކައި ބޭންކުގެ ސާވިސް ސެންޓަރުތަކާއި ބްރާންޗުތައް ބަންދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާއްސަ ހުއްދައާއެކު އޭޓީއެމް ތަކުން ނަގުދު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ގައުމީ ބޭންކުން ދަނީ މި ހާލަތުގައި ބަދަލުތަކެއް ގެންނަމުންނެވެ. މިހާރު ވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަ އަށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ގޮތް ވެސް ހަމަޖައްސާފަ އެވެ. އެ ކަމަށް ބީއެމްއެލުން އެއްވެސް ފީއެއް ނުނަަގަ އެވެ. މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ.

މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑް ބޭނުން ކޮށްގެން ރާއްޖޭން ބޭރުގައި ދުވާލަކު އޭޓީއެމް އިން ނެގޭ އަދަދު ވެސް މިހާރު ވަނީ އިތުުރުކޮށްފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 1،000 ޑޮލަރު ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އޭޓީއެމް ތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާ ފީ ވެސް ވަނީ 15 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އެއީ ކާޑް ނެޓްވޯކް ތަކަށް ދައްކަންޖެހޭ ފީ އެވެ.