ރާއްޖޭގެ ބޮޑު ބަޔަކަށް ލެޔޯ އެލާޓް ނެރެފައިވާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ވަނީ މ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ލެޔޯ އެލާޓް ނެރެފަ އެވެ. އަދި ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. މި ސަރަހައްދުތަކަށް ބޯކޮށްވާރޭ ވެހުމާއެެކު ގުގުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ ވެސް އެކަށީގެންވާ ކަމެއް.
އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އެމްއެންޑީއެފްއިން ވަނީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށާ ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރު ނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.